ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު މެންދުރު ފަހު މ. މުލަކަށް ވަޑައިގެންނެވުމުން އެރަށުން އެކަމަނާއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ. އެކަމަނާ އެރަށަށް ވަޑައިގެންނެވުމުން މަރުޙަބާ ދެންނެވުމަށްޓަކައި ބަނދަރު ސަރަޙައްދަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެއްވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މުލަކަށް ކުރެއްވި މި ދަތުރުފުޅަކީ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ރަސްމީކޮށް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ ތެރެއިން، ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާ އެކަމަނާ ވަނީ ޝަރަފްވެރިކޮށްދެއްވާފައެވެ. މީގެ އިތުރުން، އެރަށުގައި އަލަށް ގާއިމުކުރި "މުލަކު ފިޓްސަން އެންޑް ރެކްރިއޭޝަން ސެންޓަރު" ވެސް އެކަމަނާ ވަނީ ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ.