ރާއްޖޭގެ އިޤްތިޞާދުގެ ވަރުގަދަކަން ގުޅިފައިވަނީ، ރަށްތަކުގައި ކުރިއެރުން ހޯދައިދީ ފުރުޞަތުތައް ތަނަވަސްކޮށްދޭ އެތައް ހާސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވަނީ ރާއްޖޭގެ އިޤްތިޞާދު އިތުރަށް ވަރުގަދަކޮށް، ކޮޅަށް ޖެހުމަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ކުރާ ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި ޝުކުރުއަދާކުރައްވައިފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ތަރައްޤީގެ މައިބަދައަކީ މިފަދަ ކުދި ވިޔަފާރިތަކެވެ.
އެމަނިކުފާނުގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ، "މޯލްޑިވްސް 2.0" ގެ ދަށުން، މާލީ އެހީތެރިކަމާއި، ޑިޖިޓަލް ވަސީލަތްތަކާއި، އިންފްރާސްޓްރަކްޗަރގެ އިތުރުން ބައިނަލްއަޤްވާމީ މާކެޓްތަކަށް ވާސިލުވުމުގެ ފުރުޞަތު ސަރުކާރުން ދަނީ ފުޅާކުރަމުން ކަމަށެވެ. މީގެ ތެރޭގައި ސަގާފީ ތަރިކައާ ގުޅުންހުރި ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދޭ ސަގާފީ މަރުކަޒުތަކާއި، ކްރިއޭޓަރ ހަބް ފަދަ ވަސީލަތްތައް ހިމެނެއެވެ.
މީގެ އިތުރުން، އެސް.އެމް.އީ ޑިޖިޓަލް ފައިނޭންސިން، އަދި އަލީބާބާ އާއި ޕޭޕަލް މެދުވެރިކޮށް ބައިނަލްއަޤްވާމީ މާކެޓްތަކަށް ވާސިލުވުމުގެ ފުރުޞަތު ހުޅުވާލުމާއެކު، ރާއްޖެ ދަނީ ކުރިއެރުމާއި ކާމިޔާބީއަށް އައު މަގުތަކެއް ތަނަވަސްކުރަމުންކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އަމާޒު ސާފު ކަމަށާއި، ފުރުޞަތުތައް ހުޅުވާލެވިފައިވަނީ އެންމެންނަށް ކަމަށެވެ.
ސަރުކާރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މިއަހަރާއި އަންނަ އަހަރު ޚާއްޞަކުރާއިރު، މައިގަނޑު ވިސްނުން ހުރީ ކޮންމެ ވިޔަފާރިއެއްވެސް ކުރިއަރައިދިއުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޯށްދީ އެފަދަ އިޤްތިޞާދެއް ބިނާކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.