ޚާރިޖިއްޔާގައި މަސައްކަތްކުރައްވާ އަންހެނުން ކުރައްވަނީ، ގައުމަށް ބޭނުންތެރި، ވަރަށް މުހިންމު މަސައްކަތެއް: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
ޚާރިޖިއްޔާގައި މަސައްކަތްކުރައްވާ އަންހެނުން ކުރައްވަނީ، ގައުމަށް ބޭނުންތެރި، ވަރަށް މުހިންމު މަސައްކަތެއް: ވަޒީރު

ދިވެހިރާއްޖޭގެ ޚާރިޖިއްޔާގައި މަސައްކަތްކުރައްވާ އަންހެނުންނަކީ ގައުމަށް ބޭނުންތެރި، ވަރަށް މުހިންމު މަސައްކަތްތަކެއް ކުރައްވާ ބައެއް ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ "އިންޓަނޭޝަނަލް ޑޭ އޮފް ވިމެން އިން ޑިޕްލޮމަސީ" ނުވަތަ ޚާރިޖީ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ މެސެޖެއްގައެވެ.

ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 24 ވަނަ ދުވަހަކީ ޚާރިޖީ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މިއީ ދިވެހިރާއްޖެއިން އިސްނަގައިގެން އދ. އަށް ހުށަހެޅި ގަރާރެއްގެ ދަށުން، 2022 ވަނަ އަހަރުން ފެށިގެން ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރަން ފެށި ދުވަހެކެވެ. މި ދުވަހުގެ މައިގަނޑު މަގްސަދަކީ ބައިނަލްއަޤްވާމީ މަޝްރަހުގައި އަންހެނުން ކުރާ މަސައްކަތްތައް ފާހަގަކޮށް، ގައުމުތައް ތަމްސީލުކުރުމުގައި އެކަނބަލުން އަދާކުރާ މުހިންމު ދައުރުގެ އަގުވަޒަންކުރުމެވެ.

ޚާރިޖީ ވަޒީރުގެ މެސެޖުގައި، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތިއްބަވައިގެން ގައުމު ތަމްސީލުކުރައްވާ ދިވެހި އަންހެން ބޭފުޅުންގެ މަސައްކަތްތަކަށް ވަނީ ތައުރީފު ކުރައްވާފައެވެ. ވަޒީރު ވިދާޅުވީ އެކަނބަލުންނަކީ ދިވެހި ރައްޔިތުންނަށް މުހިންމުވާ އެކި ކަންތައްތަކުގައި ވަކާލާތުކޮށް، ގައުމަށް ރީތި ނަން ހޯދައިދިނުމުގައި ވަރުބަލިކަމެއް ނެތި މަސައްކަތް ކުރައްވާ ބައެއް ކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި ވަކާލާތުކުރުމާއި، ރާއްޖޭގެ ކުރިއެރުމަށް އަންހެނުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ޚާރިޖިއްޔާގައި މަސައްކަތްކުރައްވާ އަންހެނުންގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ކުރިއަށް އޮތް ތަނުގައިވެސް ބައިނަލްއަޤްވާމީ ގުޅުންތައް އިތުރަށް ބަދަހިކޮށް، ރާއްޖެއަށް އިތުރު ކާމިޔާބީތައް ހޯދައިދިނުމަށް ވަޒީރު ވަނީ ގޮވާލައްވާފައެވެ.

މިއަދު އޮންލައިން