ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް އައުން ލަސްވީ ޕޭޕަލްގެ ސްޓޭންޑަޑަށް ރާއްޖޭގެ ޕްލެޓްފޯމްތައް ގެންދަން ޖެހުމުން: އުރީދޫ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް އައުން ލަސްވީ ޕޭޕަލްގެ ސްޓޭންޑަޑަށް ރާއްޖޭގެ ޕްލެޓްފޯމްތައް ގެންދަން ޖެހުމުން: އުރީދޫ

ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފުވުން ލަސްވެގެން ދިޔައީ އެ ކުންފުނީގެ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ރާއްޖޭގެ ޕްލެޓްފޯމްތައް ފެއްތުމަށް ކުރަންޖެހުނު މަސައްކަތްތަކުގެ ސަބަބުން ކަމަށް އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) ހުސައިން ނިޔާޒް ވިދާޅުވެއްޖެއެވެ.

"ޕޭޕަލްގެ ހިދުމަތް ދިވެހިންނަށް" މި ނަމުގައި ބޭއްވި މައުލޫމާތު ހިއްސާކުރުމުގެ ސެޝަނެއްގައި ވާހަކަދައްކަވަމުން ނިޔާޒް ވިދާޅުވީ، ޕޭޕަލް އަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް އެއް މިންގަނޑަކަށް ހިދުމަތް ދޭ ގްލޯބަލް ޕްލެޓްފޯމެއް ކަމަށެވެ. އެހެންކަމުން ހިދުމަތް ލޯންޗުކުރުމުގެ ކުރިން އެމީހުންގެ ސްޓޭންޑާޑަށް ރާއްޖޭގެ ނިޒާމުތައް ބަދަލުކުރަން ޖެހުނު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނިޔާޒް ވިދާޅުވި ގޮތުގައި މިއީ ބޭރުގެ ޕްލެޓްފޯމްތަކުގައި ވިޔަފާރިކޮށްގެން ރާއްޖެއަށް ޑޮލަރު ގެނެވޭނެ މަގު ފަހިކޮށްދޭ ޑިޖިޓަލް ވޮލެޓެކެވެ. "ބޭރުގެ ޕްލެޓްފޯމްތަކުގައި ވިޔަފާރިކޮށްފަ ދިވެހިން ގެންނަން ބޭނުންވާ ޑޮލަރު، މިސާލަކަށް އެމަޒޯން ފަދަ ތަންތާނގަ ވިއްކައިގެން، ކުރިން ވެއްޖެއްޔާ ޑިޖިޓަލް ވޮލެޓެއް ނީނދެ، ބޭންކްސް ތްރޫކޮށް ގެންނަން ޖެހޭނީ. މިހާރު މިވަނީ ޑިޖިޓަލް ވޮލެޓެއް އިންޓަގްރޭޓް ކުރެވިފަ،" ނިޔާޒް ވިދާޅުވިއެވެ.

މި ހިދުމަތުގެ ދަށުން ޕޭޕަލް މެދުވެރިކޮށް ލިބޭ ފައިސާ ރާއްޖޭގެ ބޭންކް އެކައުންޓްތަކަށް ފޮނުވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވިފައެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ޑޮލަރު އެކައުންޓްތަކަށް ފައިސާ ފޮނުވުމަށްފަހު ޑޮލަރުން ފައިސާ ނެގޭނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

މި އާ ނިޒާމުގެ ސަބަބުން އޮންލައިންކޮށް މަސައްކަތްކުރާ ފަރާތްތަކަށާއި، ބޭރުގެ މާކެޓްތަކުގައި ތަކެތި ވިއްކާ ދިވެހި ވިޔަފާރިވެރިންނަށް ފައިސާ ލިބުމުގައި ހުރި ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން