ރާއްޖޭގެ މާލީ ނިޒާމު ހަމައަކަށް އެޅިފައިވާ ކަމަށް އައި.އެމް.އެފް އިން ބުނެފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 7ސ
ރާއްޖޭގެ މާލީ ނިޒާމު ހަމައަކަށް އެޅިފައިވާ ކަމަށް އައި.އެމް.އެފް އިން ބުނެފި

ދައުލަތުގެ ޚަރަދުތަކާއި، ބޭރުގެ މާލީ މުއާމަލާތްތަކާއި އަދި ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި ގޮންޖެހުންތަކާ އެކުވެސް، ފާއިތުވި އަހަރު ރާއްޖޭގެ މާލީ ނިޒާމު ހަމައަކަށް އެޅިފައިވާ ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އިން ހާމަކޮށްފިއެވެ.

އައި.އެމް.އެފް އިން މިކަން ހާމަކޮށްފައިވަނީ، ޖޫން މަހުގެ 14 ވަނަ ދުވަހު ނިންމާލި 2026 އާޓިކަލް IV މިޝަން ގެ ވަގުތީ ހޯދުންތަކުގެ މައްޗަށް އެކުލަވާލި ރިޕޯޓުގައެވެ. 

އެ ފަންޑުން ބުނި ގޮތުގައި، އިގްތިސާދީ އަދި މާލީ ގޮތުން ކުރިމަތިވި ދަތި މާހައުލުގައިވެސް ރާއްޖޭގެ އިގްތިސާދު ހިފަހައްޓާލާފައިވަނީ ހަރުދަނާކަމާއެކުގައެވެ. އަދި ދައުލަތުން ދައްކަންޖެހޭ ދަރަނިތައް، އޭގެ ތެރޭގައި ރަސްމީ ފަރާތްތަކަށާއި އަމިއްލަ ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ގަވާއިދުން ދައްކަމުންދާކަންވެސް އައި.އެމް.އެފް އިން ފާހަގަކުރިއެވެ. މި ކުރިއެރުންތަކާއެކު، ރާއްޖޭގެ މާލީ ނިޒާމު އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. 

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން އަލުން އޯޕަން މާކެޓް އޮޕަރޭޝަންސް ފެށުމަށް ނިންމި ނިންމުމަށް އައި.އެމް.އެފް އިން މަރުހަބާ ކިޔާފައިވެއެވެ. އަދި މި ވަސީލަތުގެ ބޭނުން ހިފަމުން ގެންދިއުމަކީ މަނިޓަރީ ސިޔާސަތުތައް ހަރުދަނާކުރުމަށް އެޅޭ ބާރެއް ކަމަށްވެސް ބުނެފައިވެއެވެ. މީގެ އިތުރުން، ބޭރު ފައިސާގެ ގާނޫނުގެ ސަބަބުން ބޭރު ފައިސާ ލިބުމުގައި ހުރި ދަތިތަކަށް ލުޔެއް ލިބި، ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުކުރުމަށް އެހީތެރިވެދީފައިވާކަން އެ ފަންޑުން ފާހަގަކުރިއެވެ. 

މާލީ ދާއިރާގެ ހަމަޖެހުން ދަމަހައްޓައި، ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި، މާލީ ދާއިރާ ސުޕަވައިޒްކުރުމުގައި އަބަދުވެސް ސަމާލުވެ ތިބުމަށް އައި.އެމް.އެފް އިން ވަނީ ލަފާދީފައެވެ. އަދި މަރުކަޒީ ބޭންކާއި މާލީ ދާއިރާގެ ގާނޫނުތަކާއި ގަވާއިދުތައް އިތުރަށް ހަރުދަނާކުރުމަކީ، ބޭންކުތައް ބެލެހެއްޓުމާއި މާލީ ކާރިސާތައް މެނޭޖުކުރުމުގެ ނިޒާމު ވަރުގަދަވެގެންދާނެ ކަމެއް ކަމަށްވެސް އެ ފަންޑުން ބުނެފައިވެއެވެ. މިފަދަ އިސްލާހުތަކުގެ ސަބަބުން ސިޔާސަތުތަކަށް އޮންނަ އިތުބާރު ބޮޑުވެ، ކުރިމަތިވެދާނެ އިގްތިސާދީ ލޮޅުންތަކަށް ކެތްކުރުމުގެ ގާބިލުކަން މާލީ ނިޒާމުގައި އިތުރުވެގެންދާނެއެވެ. 

ދައުލަތުގެ ދަރަންޏާއި ބޭންކިންގް ދާއިރާއާ ދެމެދު އޮތް ގުޅުން ބޮޑުވުމަކީ، އެކަމަށް އެދެވޭ ހައްލެއް ނުގެނެސްފިނަމަ މާލީ ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމެއްކަން އައި.އެމް.އެފް އިން ފާހަގަކުރިއެވެ. އެހެންކަމުން، މާލީ ނުތަނަވަސްކަން ކުޑަކޮށް، ދައުލަތުގެ ދަރަނި ދަށްކުރުމަށްޓަކައި ފުޅާ ދާއިރާއެއްގައި ސިޔާސަތުތަކަށް ބަދަލު ގެނައުމަށް އެ ފަންޑުން އިރުޝާދު ދީފައިވެއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން