ނިމިދިޔަ އަހަރު ތަންފީޒުކުރިފަދަ ފިސްކަލް ސިޔާސަތުތަކާއެކު މިއަހަރުގެ ގޮންޖެހުންތަކުން އަރައިގަނެވިދާނެ: އައި.އެމް.އެފް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 26ސ
ނިމިދިޔަ އަހަރު ތަންފީޒުކުރިފަދަ ފިސްކަލް ސިޔާސަތުތަކާއެކު މިއަހަރުގެ ގޮންޖެހުންތަކުން އަރައިގަނެވިދާނެ: އައި.އެމް.އެފް

ދިވެހިރާއްޖެއިން އިސްވެ ބައެއް ޤައުމުތަކާއެކު ޤާއިމުކުރަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކާއި މާލީ އެއްބަސްވުންތަކުގެ ސަބަބުން، ރާއްޖޭގެ އިޤުތިޞާދަށް ބޭރުގެ މާކެޓުތަކުން އޮންނަ ޑިމާންޑް އެކި ދާއިރާތަކަށް ފުޅާކުރުމަށް އެހީތެރިވެދޭނެ ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އިން ބުނެފިއެވެ.

އައި.އެމް.އެފް އިން މިހެން ބުނެފައިވަނީ، 2026 ވަނަ އަހަރުގެ އާޓިކަލް IV މިޝަންގެ ދަށުން ރާއްޖޭގެ ހާލަތު ބެލުމަށްފަހު ނެރުނު ވަގުތީ ރިޕޯޓުގައެވެ.

އެ ފަންޑުން ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖެއިން ދަނީ މުހިންމު ބައިލޭޓަރަލް ބައިވެރިންނާއެކު މިނިވަން ވިޔަފާރިއާއި މާލީ އެއްބަސްވުންތައް ކުރިއަށްގެންދިއުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. މިފަދަ އިންތިޒާމުތަކުގެ ސަބަބުން، މަދު މާކެޓުތަކަކަށް ބަރޯސާވުން ކުޑަކޮށް، ބޭރުގެ ޑިމާންޑް އެކި ދިމަދިމާއަށް ބަހާލުމަށް ފުރުޞަތު ލިބި، ދިގު މުއްދަތެއްގައި އިޤުތިޞާދީ ހަރަކާތްތަކަށް ބާރު ލިބޭނެ ކަމަށް އައި.އެމް.އެފް އިން ބުނެއެވެ.

މީގެ އިތުރުން، މި އެއްބަސްވުންތަކަކީ އިޤުތިޞާދަށް ކުރިމަތިވެފައިވާ އޮނިގަނޑުތަކުގެ ހުރަސްތައް ނައްތާލައި، މެދު ރާސްތާގެ ކުރިއެރުން ވަރުގަދަކުރުމަށް ބޭނުންވާ ސަޕްލައި-ސައިޑް އިޞްލާޙީ މަސައްކަތްތަކުގެ މުހިންމު ބައެއްގެ ގޮތުގައި އެ ފަންޑުން ސިފަކުރެއެވެ. އަދި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމާއި، މޫސުމީ ބަދަލުތަކަށް ހޭނުމުގެ ޤާބިލުކަން އިތުރުކުރުމާއި، ޤާނޫނީ އޮނިގަނޑު ހަރުދަނާކޮށް ގަވަރނަންސް ރަނގަޅުކުރުމަށްވެސް އިޞްލާޙީ ފިޔަވަޅުތައް އަމާޒުކުރަންޖެހޭ ކަމަށް ބުނެފައިވެއެވެ.

ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމުކުރުމަކީ އަމިއްލަ ދާއިރާ ކުރިއެރުވުމަށް އެހީތެރިވެދޭނެ ކަމެއްކަން ފާހަގަކުރަމުން، އައި.އެމް.އެފް އިން ބުނީ ފާއިތުވި އަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް އޮތް ބޮޑު ޑިމާންޑާއެކު އިޤުތިޞާދީ ހަރަކާތްތައް ވަރުގަދަކޮށް ހުރި ކަމަށެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން 2026 ވަނަ އަހަރު ރާއްޖޭގެ ޖީ.ޑީ.ޕީ ކުރިއަރާ މިންވަރު މަޑުޖެހޭނެ ކަމަށް ލަފާކުރެވުނު ނަމަވެސް، 2027 ވަނަ އަހަރު އިޤުތިޞާދު އަލުން އިއާދަވާން ފަށާނެ ކަމަށާއި، މެދު ރާސްތާގައި ކުރިއެރުން ގާތްގަނޑަކަށް 4 އިންސައްތައިގައި ހުންނާނެ ކަމަށް އެ ފަންޑުން ލަފާކުރެއެވެ.

ވިޔަފާރިއާއި މާލީ އެއްބަސްވުންތަކުގެ ޒަރީއާއިން ބޭރުގެ ޑިމާންޑް ފުޅާކުރުމަކީ، ވަކިވަކި މާކެޓުތަކަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ޤާބިލުކަން ރާއްޖޭގައި އިތުރުވާނެ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން، މާލީ ހަމަޖެހުން ދެމެހެއްޓުމަށާއި، ދައުލަތުގެ މާލީ ހިންގުން ހަރުދަނާކޮށް، ދައުލަތުގެ ދަރަނި ކުޑަކުރުމަށް ބޭނުންވާ އިޞްލާޙީ ފިޔަވަޅުތައް އެޅުމަށް އައި.އެމް.އެފް އިން ލަފާދީފައިވެއެވެ.

އައި.އެމް.އެފްގެ މި ވަފުދުން ރާއްޖެއަށް ކުރި ޒިޔާރަތުގައި، ފިނޭންސް މިނިސްޓަރ ޙަސަން ޒަރީރު، އެމް.އެމް.އޭ ގެ ގަވަރުނަރ އަޙްމަދު މުނައްވަރު، އަދި ސަރުކާރުގެ އެހެނިހެން އިސްވެރިންގެ އިތުރުން އަމިއްލަ ދާއިރާގެ މަންދޫބުންނާ ބައްދަލުކޮށް މަޝްވަރާކޮށްފައިވެއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން