"ނިއުކްލިކް އެސިޑް ޓެސްޓް" ގެ ޚިދުމަތް އަންނަ ޖުލައި މަހު ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 49ސ
"ނިއުކްލިކް އެސިޑް ޓެސްޓް" ގެ ޚިދުމަތް އަންނަ ޖުލައި މަހު ފަށަނީ

ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަދާ އެންމެ ފަހުގެ ޒަމާނީ ޓެސްޓެއް ކަމަށްވާ "ނިއުކްލިކް އެސިޑް ޓެސްޓް" ގެ ޚިދުމަތް އަންނަ ޖުލައި މަހުގެ ތެރޭގައި ފެށުމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމް.ބީ.އެސް) އިން ތައްޔާރުވެއްޖެއެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ސީނިއާ ސްޕެޝަލިސްޓް ރެޖިސްޓްރާ އެންޑް ޕީޑިއެޓްރިކް ޑރ. އަހުމަދު އުމަރު ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ލޭ ދޭ މީހާއާއި ލޭ ބޭނުންވާ މީހާގެ ރައްކާތެރިކަމަކީ އެ އިދާރާއިން އެންމެ ބޮޑު ސަމާލުކަމެއްދޭ ކަންތައް ކަމަށެވެ. އެގޮތުން ލޭގެ ރައްކާތެރިކަން މިހާރަށްވުރެ ބޮޑަށް ކަށަވަރުކުރުމަށްޓަކައި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޓެސްޓުތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޑރ. އުމަރު ވިދާޅުވި ގޮތުގައި، ލޭގެ ޒަރީއާއިން ފެތުރޭ ބަލިތައް ދެނެގަތުމަށް މިހާރު ބޭނުންކުރާ މެތަޑްތަކަށްވުރެ ހަރުދަނާ އަދި އިތުބާރު ހުރި ގޮތަކަށް "ނިއުކްލިކް އެސިޑް ޓެސްޓް" ކުރިއަށް ގެންދެވޭނެއެވެ. މި ޓެސްޓުގެ ޚިދުމަތް ފެށުމަށްޓަކައި ބޭނުންވާ މެޝިންތައް އިންސްޓޯލްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި މި ޚިދުމަތް ރަސްމީކޮށް ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ވަކި ބަލިތަކަކަށް ޓެސްޓުކޮށްގެން ނޫނީ ލޭ ނާޅާނެ މިހާރު ވެސް. މި ޓެސްޓްތައް ހެދުމަށް މިހާރު ބޭނުން ކުރާ މެތަޑަށް ވުރެ ރަނގަޅު މެތަޑެއް ބޭނުން ކުރުމަށް މަސައްކަތް މި ކުރަނީ. އިރާދަކުރެއްވިއްޔާ މެޝިން އިންސްޓޯލްކޮށް ކުރިއަށް އޮތް 2 ހަފްތާ ތެރޭގައި ޚިދުމަތް ފެށޭނެ ކަމަށް އުއްމީދު މި ކުރަނީ،" ޑރ. އުމަރު ވިދާޅުވިއެވެ.

މި އާ ޓެސްޓުގެ ސަބަބުން ލޭގެ ޒަރީއާއިން ދަތުރުކުރާ އެކި ކަހަލަ އިންފެކްޝަންތައް، ބަލީގެ ކުރީކޮޅުގައި ދެނެގަތުމަށް ފަސޭހަވެގެންދާނެއެވެ. މިއީ ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން، ޚާއްޞަކޮށް ކޮންމެ މަހަކު ލޭ އަޅަންޖެހޭ ތެލެސީމިއާ ކުދިން ފަދަ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.

މިއަދު އޮންލައިން