އައްޑޫ ސިޓީ، ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ބިނާކުރާ މިސްކިތް ކޮމްޕްލެކްސްގެ ބިންގާ މިއަދު ރަސްމީކޮށް އަޅައިފިއެވެ.
މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. މި ރަސްމިއްޔާތުގައި ވަޒީރުގެ އިތުރުން، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިންނާއި، އައްޑޫ ސިޓީ ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ގަން އެއާޕޯޓުގައި ބިނާކުރާ މި މިސްކިތަކީ ދެ ބުރިއަށް ފަރުމާކުރެވިފައިވާ ޒަމާނީ ކޮމްޕްލެކްސްއެކެވެ. މި މިސްކިތް ނިމޭއިރު އެއްފަހަރާ 800 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ އޮންނާނެއެވެ. ނަމާދުކުރާ ސަރަޙައްދުގެ އިތުރުން، މި ކޮމްޕްލެކްސްގައި ޚާއްޞަ ހޯލަކާއި ލައިބްރަރީއެއް ވެސް ހިމެނޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ.
މި ހިތްގައިމު މަޝްރޫޢަކީ ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ އަދި ދަމާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޗެއަރމަން މުޙައްމަދު ޞާލިޙްގެ ދީލަތި އެހީގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ. ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މިސްކިތް ކޮމްޕްލެކްސް ބިނާކުރެވުމުން، ގަން އެއާޕޯޓުން ދަތުރުކުރާ ފަރާތްތަކަށާއި އެ ސަރަޙައްދުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ނަމާދުކުރުމާއި ދީނީ އެކި ޙަރަކާތްތައް ހިންގުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.