އަހަރުގެ ފުރަތަމަ 5 މަސްދުވަހު އިންކަމް ޓެކުހުގެ ގޮތުގައި ދައުލަތަށް 2.7 ބިލިޔަން ރުފިޔާ ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
އަހަރުގެ ފުރަތަމަ 5 މަސްދުވަހު އިންކަމް ޓެކުހުގެ ގޮތުގައި ދައުލަތަށް 2.7 ބިލިޔަން ރުފިޔާ ލިބިއްޖެ

އާމްދަނީން ނަގާ ޓެކްސް ނުވަތަ އިންކަމް ޓެކުހުގެ ގޮތުގައި މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ދައުލަތަށް 2.7 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އިންކަމް ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު 2.1 ބިލިޔަން ރުފިޔާއާ އަޅާ ބަލާއިރު %28.5 އިތުރު އަދަދެކެވެ.

އިންކަމް ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް އޮތީ ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އަތުން ނަގާ ޓެކުހުގައެވެ. އެގޮތުން، އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު މި ދާއިރާއިން ދައުލަތަށް 1.3 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 1.2 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު %8.3 ގެ ކުރިއެރުމެކެވެ.

ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކާއި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތްތަކުގެ އަތުން ނަގާ ޓެކުހުގެ ގޮތުގައި މި މުއްދަތުގައި 735 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަހު ލިބުނު 523 މިލިޔަން ރުފިޔާއަށްވުރެ %40 އިތުރު އަދަދެކެވެ.

މީގެ އިތުރުން، އަމިއްލަ ފަރުދުންގެ އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ދައުލަތަށް ލިބިފައިވަނީ 214 މިލިޔަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 200 މިލިޔަން ރުފިޔާއާ އަޅާބަލާއިރު %11.8 އިތުރުވުމެކެވެ.

ދައުލަތުގެ އާމްދަނީ އިތުރުވަމުންދާ މި ދަނޑިވަޅަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިޤްތިޞާދު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ވަގުތެއްކަން ފާހަގަކޮށްލެވެއެވެ. އިންކަމް ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވުމަކީ ރާއްޖޭގެ ވިޔަފާރިތަކާއި އިޤްތިޞާދީ ހަރަކާތްތައް ފުޅާވަމުންދާކަމުގެ ނިޝާނެއް ކަމަށް މާލީ މާހިރުން ދެކެވަޑައިގަންނަވައެވެ.

މިއަދު އޮންލައިން