ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 7.6 އިންސައްތަ އިތުރުވެ، 6 ބިލިއަން ރުފިޔާއަށް އަރައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 2ސ
ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 7.6 އިންސައްތަ އިތުރުވެ، 6 ބިލިއަން ރުފިޔާއަށް އަރައިފި

ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުން ނަގާ ޓެކްސް (ޓީޖީއެސްޓީ) ގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 2026 ޖޫން 4 ގެ ނިޔަލަށް 6.0 ބިލިއަން ރުފިޔާއަށް އިތުރުވެ، މިއަހަރު ދައުލަތަށް ލިބޭ އާމްދަނީ ކުރިއަރަމުންދާކަން ހާމަވެއްޖެއެވެ.

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އެންމެ ފަހުން އާންމުކޮށްފައިވާ ހަފުތާގެ މާލީ ރިޕޯޓުން ދައްކާގޮތުގައި، ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 423.8 މިލިއަން ރުފިޔާ އިތުރުވެފައެވެ.

2025 ވަނަ އަހަރުގެ ޖޫން 4 އާ ހަމައަށް ޓީޖީއެސްޓީގެ ގޮތުގައި 5.59 ބިލިއަން ރުފިޔާ ލިބިފައިވާއިރު، 2026 ޖޫން 4 ގެ ނިޔަލަށް މި އަދަދު ވަނީ 6.02 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 7.6 އިންސައްތައިގެ ކުރިއެރުމެކެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެންމެ ފަހުން ރިޕޯޓުކުރި ހަފުތާގައި އާމްދަނީގެ ބާވަތްތަކުގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ޓީޖީއެސްޓީންނެވެ. މިއީ ދައުލަތުގެ މާލިއްޔަތު ވަރުގަދަކުރުމުގައި ފަތުރުވެރިކަމުގެ ދާއިރާގެ ދައުރު ބޮޑުކަން ހާމަކޮށްދޭ ކަމެކެވެ.

ފަތުރުވެރިކަމުގެ ދާއިރާއާއި އާންމު ދާއިރާ ހިމެނޭހެން، މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ގެ ގޮތުގައި ލިބުނު ޖުމްލަ އާމްދަނީ ވަނީ 708.0 މިލިއަން ރުފިޔާ ނުވަތަ 9.0 އިންސައްތަ އިތުރުވެފައެވެ. އެގޮތުން 2025 ވަނަ އަހަރު ލިބުނު 7.84 ބިލިއަން ރުފިޔާގެ ބަދަލުގައި 2026 ވަނަ އަހަރު މި އަދަދު ވަނީ 8.55 ބިލިއަން ރުފިޔާއަށް އަރާފައެވެ.

އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީޖީއެސްޓީ) ގެ ގޮތުގައި ލިބުނު އާމްދަނީ 2.25 ބިލިއަން ރުފިޔާއިން 2.53 ބިލިއަން ރުފިޔާއަށް ވަނީ އުފުލިފައެވެ. މިއީ 284.1 މިލިއަން ރުފިޔާ ނުވަތަ 12.6 އިންސައްތައިގެ އިތުރުވުމެކެވެ.

ޓީޖީއެސްޓީއަށް ލިބުނު ކުރިއެރުމާއެކު، ދައުލަތަށް ލިބުނު ޖުމްލަ ޓެކްސް އާމްދަނީއަށް ވެސް ވަނީ ހެޔޮ ބަދަލެއް އައިސްފައެވެ. 2025 ވަނަ އަހަރުގެ މި މުއްދަތުގައި ޓެކްސް އާމްދަނީގެ ގޮތުގައި 13.21 ބިލިއަން ރުފިޔާ ލިބިފައިވާއިރު، 2026 ޖޫން 4 ގެ ނިޔަލަށް މި އަދަދު ވަނީ 14.84 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ 1.63 ބިލިއަން ރުފިޔާ ނުވަތަ 12.4 އިންސައްތައިގެ ކުރިއެރުމެކެވެ.

މި މުއްދަތުގައި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ 78 އިންސައްތަ ހިއްސާކުރަނީ ޓެކްސް އާމްދަނީއެވެ. ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ އަދަދު ވަނީ 19.09 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 2025 ޖޫން 4 ގެ ނިޔަލަށް ލިބުނު 17.34 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.75 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު 10.1 އިންސައްތައިގެ ކުރިއެރުމެކެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން