ތެލުގެ އަގު އުފުލުމާ ގުޅިގެން ސަބްސިޑީއަށް ސަރުކާރުން ކުރާ ހޭދަ އިތުރުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 18ސ
ތެލުގެ އަގު އުފުލުމާ ގުޅިގެން ސަބްސިޑީއަށް ސަރުކާރުން ކުރާ ހޭދަ އިތުރުވެއްޖެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، ސަބްސިޑީގެ ގޮތުގައި ސަރުކާރުން ކުރާ ހޭދަ 4 ޖޫން 2026 ގެ ނިޔަލަށް 2.3 ބިލިއަން ރުފިޔާއަށް އަރައިފިއެވެ. މިއީ މައިގަނޑު ގޮތެއްގައި ތެލުގެ ސަބްސިޑީއަށް ކުރަންޖެހުނު ހޭދަ އިތުރުވުމުގެ ސަބަބުން އައި ބަދަލެކެވެ. 

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާންމުކޮށްފައިވާ ހަފުތާގެ މާލީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ސަބްސިޑީއަށް ކުރި ހޭދަ ވަނީ 938.3 މިލިއަން ރުފިޔާ އިތުރުވެފައެވެ. 4 ޖޫން 2025 ގެ ނިޔަލަށް ސަބްސިޑީއަށް 1.36 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއަހަރުގެ އެ މުއްދަތުގައި މި އަދަދު ވަނީ 2.30 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު 68.9 އިންސައްތައިގެ އިތުރުވުމެކެވެ. 

މި އިތުރުވުމަކީ ތެލުގެ އަގު އުފުލުނު ނަމަވެސް، ތެލުގެ ސަބްސިޑީ ދެމެހެއްޓުމަށްޓަކައި ކުރަންޖެހުނު އިތުރު ހޭދައެކެވެ. ތެލުގެ އަގަށް އައި ބަދަލުގެ ސަބަބުން އާންމު ފަރުދުންނަށާއި، ވިޔަފާރިތަކަށާއި، ދަތުރުފަތުރުގެ ޚިދުމަތްތަކުގެ އިތުރުން ޒަރޫރީ މުދަލުގެ އަގަށް ކުރާނެ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި، އިތުރުވި ޚަރަދުގެ ބޮޑު ބައެއް ސަރުކާރުން ވަނީ އަމިއްލައަށް އުފުލާފައެވެ. 

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ވުމުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ އަސަރު ކަރަންޓު އުފެއްދުމަށާއި، އެއްގަމާއި ކަނޑުގެ ދަތުރުފަތުރަށާއި، އާންމު ޚިދުމަތްތަކުގެ އިތުރުން ރަށްރަށަށް މުދާ އުފުލުމުގެ އަގަށް ސީދާ ގޮތެއްގައި ކުރެއެވެ. ސަރުކާރުން ދެމުންގެންދާ ސަބްސިޑީގެ ސަބަބުން މި ޚަރަދުތައް އާންމު ރައްޔިތުންގެ އަތުން ނަގާ މިންވަރު ކުޑަވެގެންދެއެވެ.

2026 ވަނަ އަހަރަށް ސަބްސިޑީގެ ގޮތުގައި ކަނޑައަޅާފައިވަނީ 2.89 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ޖޫން މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް މީގެ ތެރެއިން 2.30 ބިލިއަން ރުފިޔާ ނުވަތަ ބަޖެޓުގެ 79.6 އިންސައްތަ ވަނީ ހޭދަކުރެވިފައެވެ.

އެހީއާއި، އެކި ފަރާތްތަކަށް ދޭ ކޮންޓްރިބިއުޝަން އަދި ސަބްސިޑީގެ ގޮތުގައި ކުރި ޖުމްލަ ހޭދަ 5.69 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، 2025 ވަނަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 4.07 ބިލިއަން ރުފިޔާގައެވެ. މިއީ 1.62 ބިލިއަން ރުފިޔާ ނުވަތަ 39.8 އިންސައްތައިގެ އިތުރުވުމެކެވެ. 

ދައުލަތުގެ ރިކަރަންޓް އެކްސްޕެންޑިޗަރ އަށް ބަލާއިރު، 2025 ވަނަ އަހަރު ހޭދަވި 14.47 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 2026 ވަނަ އަހަރުގެ މި މުއްދަތުގައި މި އަދަދު ވަނީ 16.87 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ 2.41 ބިލިއަން ރުފިޔާ ނުވަތަ 16.6 އިންސައްތައިގެ އިތުރުވުމެކެވެ.

ސަބްސިޑީއަށް ކުރާ ހޭދަ މިގޮތަށް އިތުރުވެފައިވަނީ، ތެލުގެ އަގަށް އަންނަ ބަދަލުތަކުން އިގްތިސާދަށް ކުރާ އަސަރު ކުޑަކޮށް، މުދަލާއި ޚިދުމަތުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށާއި، ޒަރޫރީ ޚިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުންނެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން