މޫސުމީ މަޢުލޫމާތު އެއްކުރާ ރާއްޖޭގެ 6 ވަނަ ސްޓޭޝަން މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޤާއިމުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
މޫސުމީ މަޢުލޫމާތު އެއްކުރާ ރާއްޖޭގެ 6 ވަނަ ސްޓޭޝަން މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޤާއިމުކޮށްފި

މޫސުމީ މަޢުލޫމާތު އެއްކުރުމަށްޓަކައި ރާއްޖޭގައި ޤާއިމުކުރާ 6 ވަނަ މެނުއަލް ސްޓޭޝަން ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިއަދު ޤާއިމުކޮށްފިއެވެ. މިއީ ރާއްޖޭގެ މޫސުމީ ޚިދުމަތްތައް ފުޅާކޮށް، އެވިއޭޝަން ސިނާޢަތަށް ލިބިގެންދިޔަ މުހިއްމު ކުރިއެރުމެކެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ އަހަރުގެ އެކި ދުވަސްވަރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓުތައް ޖައްސާ އެއް އެއަރޕޯޓެވެ. އެހެންކަމުން، އެ ސަރަޙައްދުގެ މޫސުމާ ބެހޭ އެންމެ ފަހުގެ އަދި އެންމެ ސައްޙަ މަޢުލޫމާތު ވަގުތުން ވަގުތަށް ލިބެން ހުރުމަކީ ފްލައިޓް އޮޕަރޭޝަންތަކުގެ ރައްކާތެރިކަމަށްޓަކައި ނުހަނު ބޭނުންތެރި ކަމެކެވެ.

މީގެކުރިން މާފަރު ސަރަޙައްދުގެ މޫސުމީ މަޢުލޫމާތު ހޯދުމަށް ބޭނުންކުރަމުން އައީ އެ ސަރަޙައްދާ އެންމެ ގާތުގައި އޮންނަ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަ މޫސުމީ ސްޓޭޝަނެވެ. ނަމަވެސް މާފަރުގައި މިއަދު މި ޤާއިމުކުރެވުނު ސްޓޭޝަނާއެކު، އެ ސަރަޙައްދުގެ މޫސުމަށް އަންނަ ބަދަލުތައް މާ ބޮޑަށް ސާފުވެ، ދަތުރުފަތުރުގެ ކަންކަން ރޭވުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މި އައު ސްޓޭޝަނާއެކު ރާއްޖޭގެ އެކި ސަރަޙައްދުތަކުން މޫސުމީ މަޢުލޫމާތު އެއްކުރާ މައި މަރުކަޒުތަކުގެ އަދަދު މިވަނީ ހަޔަކަށް އިތުރުވެފައެވެ. މިއީ ރާއްޖޭގެ މޫސުމާ ބެހޭ ޤައުމީ އިދާރާގެ ވިއުގަ އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެޅުނު މުހިއްމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން