އައު ގަވާއިދާ އެއްގޮތަށް ކާބޯތަކެތި ލޭބަލް ކުރުމަށް 6 މަސްދުވަހުގެ މުއްދަތެއް ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
އައު ގަވާއިދާ އެއްގޮތަށް ކާބޯތަކެތި ލޭބަލް ކުރުމަށް 6 މަސްދުވަހުގެ މުއްދަތެއް ދީފި

ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމަށް އެކުލަވާލާފައިވާ އައު ގަވާއިދާ އެއްގޮތަށް ކާބޯތަކެތި ލޭބަލް ކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހަ މަސްދުވަހުގެ މުއްދަތެއް ދީފިއެވެ. މި ގަވާއިދަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެކުލަވާލާފައިވާ މުހިންމު އުސޫލުތަކެއް ހިމެނޭ ގަވާއިދެކެވެ.

މިދިޔަ ހަފުތާގައި އާންމުކުރި މި ގަވާއިދަށް އަމަލުކުރަން މިހާރު ފަށާފައިވީ ނަމަވެސް، ވިޔަފާރިތަކަށް ތައްޔާރުވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ލޭބަލް ކުރުމުގެ ކަންކަން ފުރިހަމަ ކުރުމަށް ހަ މަސްދުވަހުގެ މުހުލަތެއް ދިނުމަށް އެމްއެފްޑީއޭއިން ވަނީ ނިންމާފައެވެ.

އައު ގަވާއިދުގައިވާ ގޮތުން ކާބޯތަކެތި ބަންދުކުރަންވާނީ ހަމައެކަނި އެކަމަށް ޚާއްޞަކޮށްފައިވާ "ފުޑް ގްރޭޑަޑް މެޓީރިއަލް" ތަކުގައެވެ. އަދި ކާބޯތަކެތި އެޅުމަށް ޚާއްޞަކޮށްފައިވާ ކަންވާރު ނޫން ތަކެއްޗާއި، އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލަން ހަދާފައި ހުންނަ ޕެޓް ފުޅި ފަދަ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދުކުރުމަކީ މި ގަވާއިދުގެ ދަށުން މަނާކަމެކެވެ.

މީގެ އިތުރުން، ކާބޯތަކެތި އިމްޕޯޓް ނުވަތަ އެކްސްޕޯޓް ކުރާ ފަރާތްތަކުން ނުވަތަ ބަންދުކޮށް ލޭބަލް ކުރާ ފަރާތްތަކުގެ އިހުމާލުން އާންމު ސިއްޙަތަށް ނުރައްކަލެއް ކުރިމަތިވެއްޖެނަމަ، އެ ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ނުވަތަ ރަޖިސްޓްރޭޝަން ހިފެހެއްޓުމާއި ބާތިލުކުރުމުގެ ބާރު އެމްއެފްޑީއޭއަށް ލިބިގެންވެއެވެ.

ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، އަސްލު އޮޅޭގޮތަށް ލޭބަލްކޮށްފައިވާ ކާބޯތަކެތި ރާއްޖެއަށް އެތެރެކުރުމާއި، ވިޔަފާރީގެ ބޭނުމަށް އެފަދަ ތަކެތި އުފައްދައި ބަންދުކުރުމަކީ ކުށެކެވެ. މި ފިޔަވަޅުތަކަކީ ބާޒާރުގައި ހުންނަ ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމަށާއި އާންމު ރައްޔިތުންގެ ސިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅުތަކެކެވެ.

މިއަދު އޮންލައިން