ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަސް ފާހަގަކުރަމުންދާއިރު، ލޭ ހަދިޔާކުރާ ފަރާތްތަކުން ދައްކުވައިދޭ ހިތްހެޔޮކަމާއި ދީލަތިކަން ފާހަގަކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ލޭ ހަދިޔާ ކުރާ މީހުންގެ އެދުން ކުޑަ އަމަލުގެ ސަބަބުން، ލޭއަޅަންޖެހޭ މީހުންނާއި އެ މީހުންގެ އާއިލާތަކަށް ދަތި އުނދަގޫ ވަގުތުތަކުގައި ބޮޑު އުއްމީދެއް ލިބިގެންދާ ކަމަށެވެ. އަދި ލޭހަދިޔާ ކުރުމުގެ ކޮންމެ ހަރަކާތެއްގެ ފަހަތުގައިވެސް ވަނީ އިންސާނިއްޔަތު ކަމާއި އޯގާތެރިކަމުގެ މަތިވެރި ވާހަކައެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މެޑަމް ސާޖިދާ އިތުރަށް ވިދާޅުވީ، ކްރިޓިކަލް ފަރުވާ ބޭނުންވާ ބަލިމީހުންނާއި އެ މީހުންގެ އާއިލާތަކަށް ލޭ ހަދިޔާކުރާ މީހުންގެ އެ އަމަލަކީ ބިރުވެރިކަމާއި އުންމީދާ ދެމެދުގައިވާ ތަފާތު ކަމަށެވެ. މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ބޮޑު ކަމެއް ކުރަންނުޖެހޭކަން ފާހަގަކުރައްވައި، ލޭ ހަދިޔާ ކުރުން ފަދަ ކުޑަ ކަމަކުންވެސް އެހެން މީހެއްގެ ދިރިއުޅުމަށް ހެޔޮ ބޮޑު ބަދަލެއް ގެނެވިދާނެކަމަށް އެކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ގަވާއިދުން ލޭ ހަދިޔާ ކުރުމަށާއި އަމިއްލައަށް އެދިގެން ލޭ ހަދިޔާކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ގޮވާލައްވާފައެވެ.