ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބަދަލުގައި އެމީހުންގެ ބެލެނިވެރިންނަށް ފުލެޓަށް ކުރިމަތިލާއިރު، އެކަން ސާބިތުކޮށްދޭ ލިޔުން ހުށަނާޅާ އެޕްލިކޭޝަން ހުށަހެޅޭނެ އިންތިޒާމް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ހަމަޖައްސައިފިއެވެ.
އެ ވުޒާރާއިން ބުނީ ހާއްސަ އިސްކަންދެވޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ބަދަލުގައި އެންސްޕާގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރި ފަރާތުން އެޕްލިކޭޝަން ހުށަހަޅާނަމަ، އެކަން ސާބިތުކޮށްދޭ ލިޔުން ހުށަނާޅާ މިހާރު ފޯމު ހުށަހެޅޭނެ ކަމަށެވެ. މިއީ ފޯމު ހުށަހެޅުމުގެ މަރުހަލާ ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ގެނައި ބަދަލެކެވެ.
މި ފުރުސަތުގެ ދަށުން ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނީ އަމިއްލައަށް ފޯމް ފުރުމަށް ދަތިވާ މީހުންނަށާއި 18 އަހަރު ފުރިފައިނުވާ ކުދިންގެ ބަދަލުގައި، އެންސްޕާގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރިންނަށެވެ. މީގެ ކުރިން މިފަދަ ހާލަތްތަކުގައި ބެލެނިވެރިކަން ސާބިތުކޮށްދޭ ރަސްމީ ލިޔުންތައް ހުށަހަޅަން ޖެހެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީގެ ދަށުން ބެލެނިވެރިންނަށް ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލާފައިވަނީ ހުސްވި މޭ މަހުގެ 20 ވަނަ ދުވަހުއެވެ. މި އުސޫލަށް ގެނައި ބަދަލާއެކު ގިނަ ބަޔަކަށް ފަސޭހަކަމާއެކު ކުރިމަތިލުމުގެ މަގު ފަހިވެގެންދާނެއެވެ.
ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގެ ދަށުން ފްލެޓަށް އެދުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އެހެންކަމުން ޝަރުތުހަމަވާ ފަރާތްތަކުން އެ މުއްދަތުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް ކަމާބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.