ޙަސަދަވެރިކަމާއެކު ބަލައިލެވޭ ގޮތަކުންވެސް އަދި ބުނެވޭ ބަހަކުންވެސް އެސްފީނާ ޖެހިދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 28ސ
ޙަސަދަވެރިކަމާއެކު ބަލައިލެވޭ ގޮތަކުންވެސް އަދި ބުނެވޭ ބަހަކުންވެސް އެސްފީނާ ޖެހިދާނެ!

ސިޙުރަށް ބަލައިފިނަމަ ސިޙުރުޖެހޭނީ ޤަޞްދުގައި މީހަކުކުރާ ކަމަކުންނެވެ. އެކަމަކު އެސްފީނާއަކީ މުޅިން ތަފާތުގޮތަކަށް ޖެހޭ އެއްޗެކެވެ. ޙަސަދަވެރިކަމާއެކު ބަލައިލެވޭ ގޮތަކުންވެސް އަދި ބުނެވޭ ބަހަކުންވެސް އެސްފީނާ ޖެހިދާނެއެވެ. އަނެކާގެ ކިބައިން ޚާއްޞަކަމެއް ފެނިއްޖެނަމަ އެމީހަކަށް ހެޔޮދުޢާކުރަންޖެހޭ ސަބަބަކީއެއީއެވެ.

އެސްފީނާއާއިމެދު މިކަންކަން ދަސްކުރައްވާށެވެ! ތިބާގެ ކިބައިން އެހެންމީހުންނަށް ސަލާމަތްކަން ލިބޭނީއެއިރުންނެވެ.  

އެސްފީނާއަކީ އަނެކާއާ ދިމާއަށް ބަލާ ބެލުމެއްގެ ސަބަބުން ނުވަތަ ދެކެވޭ ވާހަކަތަކެއްގެ ސަބަބުން އެ ބެލެވުނު ފަރާތަށް ގެއްލުމެއް ލިބުމެވެ.  

އެސްފީނާއާ ބެހޭގޮތުން އިބްނުލް ޤައްޔިމް ވިދާޅުވެފައިވެއެވެ. "އެކަމުގެ އަޞްލަކީ (އެބަހީ: އެސްފީނާގެ އަޞްލަކީ) އެސްފީނާ ޖައްސާމީހާ އެއްޗަކާ ނުވަތަ ކަމަކާމެދު ޢަޖައިބުވުމެވެ. ދެން އެއަށްފަހު އޭނާގެ ނަފްސުގެ ނުބައިކަން އެކަމާމެދު ފާރަވެރިވެއެވެ. ދެން އެނަފްސުގެ ނުބައި ވިހަ ލޮލުގެ ޛަރީޢާއިން އެއެއްޗަކަށް ވާޞިލުވެއެވެ."  

(ބައްލަވާ: زاد المعاد (4/154)  

އެސްފީނާ އަކީ އަސްލެއްކަމާ މެދު ސުވާލު އުފައްދާ މީހުން މިއަދުގެ މުޖުތަމަޢުގައި އުޅެއެވެ. ހުރިހާ ކަމެއް ސައިންސް ނުވަތަ މާއްދިއްޔަތާ ގުޅުވާނަމަ ރޫޙާނީ ބަލިތައް ދެނެނުގަނެވިދާނެއެވެ. ދެން ބަލަނީ އެއީ ނުވާ އެއްޗެއް ކަމަށެވެ. ނަމަވެސް ސައިންސާއި ޓެކްނޮލޮޖީއިން އަޅުގަނޑުމެންނަށް ގެނެސްފައިވާ ކުރި އެރުންތަކާއި ފަސޭހަތައް ވާކަން ޤަބޫލުކުރާ ފަދައިން، އަޅުގަނޑުމެންގެ ދީން އަޅުގަނޑުމެންނަށް އުނގަންނައިދީފައިވާ ކަންކަންވެސް ޤަބޫލު ކުރަން ޖެހެއެވެ. އަދި ޒަމާނީ ޢިލްމީ ހަމަތަކުން އެކަން ނަފީއެއް ނުކުރެވެއެވެ.

އެބައިމީހުންނަށް އެކަން ހިނގާ ގޮތުގެ ޙަޤީޤަތް ހޯދިފައި ނެތީއެވެ. ނުވަތަ އެކަމުގެ ޢިލްމު ލިބިފައި ނެތީއެވެ. އެއްޗަކާ ބެހޭގޮތުން ޢިލްމު ނެތުމަކީ އެއެއްޗެއް ނުވާކަމުގެ ޢިލްމު ލިބިފައިވުމެއް ނޫނެވެ. އެސްފީނާ އަކީ ވާއެއްޗެއްކަން ޤުރްއާނާއި ސުންނަތުން އެއްވެސް ޝައްކެއް ނެތް ގޮތުގައި އެނގެން އެބައޮތެވެ. އަދި ދުނިޔޭގައި ކަން ހިނގާ ގޮތާމެދު ވިސްނުމުންވެސް އެކަން ޙަޤީޤަތުގައިވެސް ހިނގާކަން އަޅުގަނޑުމެންނަށް ފެނި ޔަޤީންވެގެންދެއެވެ. 

ސޫރަތުލް ޤަލަމުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

﴿وَإِن يَكَادُ الَّذِينَ كَفَرُوا لَيُزْلِقُونَكَ بِأَبْصَارِهِمْ لَمَّا سَمِعُوا الذِّكْرَ وَيَقُولُونَ إِنَّهُ لَمَجْنُونٌ [٥١] وَمَا هُوَ إِلَّا ذِكْرٌ لِّلْعَالَمِينَ [٥٢]﴾ [سورة القلم: 51 – 52]

މާނަ: "ކާފިރުވި މީހުން ޤުރުއާނުގެ އަޑު އިވޭ ހިނދު، އެއުރެންގެ ބެލުންތަކުން ކަލޭގެފާނު ކައްސުވާލައި، ވައްޓައިލުމާ ގާތްކުރެތެވެ. އަދި އެއުރެން ބުނެތެވެ. ހަމަކަށަވަރުން އެކަލޭގެފާނީ މޮޔައެކެވެ. ޢާލަމްތަކަށް ހަނދާންކޮށްދިނުމެއްކަމުގައި މެނުވީ އެ ޤުރުއާން ނުވެއެވެ." 

އިބްނު ކަޘީރު ވަނީ އެކަލޭގެފާނުގެ ތަފްސީރުގައި މިއާޔަތް ތަފްސީރުކުރަށްވަމުނއެސްފީނާގެ ނުބައި ކަމާމެދު ވަރަށް ދިގުކޮށް ވާހަކަދައްކަވާފައެވެ. 

އަދި ޤުރްއާނަށް ފަހު މި ބިން މަތީގައިވާ އެންމެ ސައްޙަ ދެ ފޮތް ކަމުގައިވާ، ބުޚާރީ އާއި މުސްލިމުގައި ރިވާވެގެން އައިސްފައިވާ ޙަދީޘެއްގައި ވެއެވެ.

((الْعَيْنُ حَقٌّ))

މާނަ: "އެސްފީނާއަކީ ޙަޤީޤަތެކެވެ." (صحيح البخاري (5740)، صحيح المسلم (2187)  


- އައްޝައިޚް މުޠީޢު އިސްމާޢީލް މުޙައްމަދު

މިއަދު އޮންލައިން