ދަރިން ލިބުމުން ކައިވެނި ރޫޅާލައި ދެމީހުން ދުރަށްގޮސް ދަރިފުޅަށް އަޅާނުލައި ހުރުމަށްފަހު ދަރިން ގޯސްވެގެން ޝަކުވާކުރުމުގެ ޙައްޤެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ދަރިން ލިބުމުން ކައިވެނި ރޫޅާލައި ދެމީހުން ދުރަށްގޮސް ދަރިފުޅަށް އަޅާނުލައި ހުރުމަށްފަހު ދަރިން ގޯސްވެގެން ޝަކުވާކުރުމުގެ ޙައްޤެއް ނެތް!

އެއްވެސް މީހަކު އެކަނި ހުއްޓައި ދަރިއަކު ނުލިބޭނެއެވެ. އެކަނިހުރުން މާނަމިކުރަނީ ފިރިހެނަކާއި އަންހެނަކު ގުޅުން ނުހިންގައި އެކަނި ހުރުމަށެވެ. ގިނިކަންޏާ އިންނަވަނިކޮށް ދަރިކަލަކު ލިބިވަޑައިގަތީ ހަމައެކަނި މަރްޔަމްގެފާނަށެވެ. އެކަމަނާ ނޫން އެއްވެސް އަންހެނަކަށް އެނިޢުމަތް ލިބިފައެއް ނެތެވެ. އެކަމުން އަންގައިދެނީ ދަރިން ލިބުމުން ބަލައި ތަރުބިއްޔަތުކުރުމުގެ ޒިންމާ ދެމީހުންގެ ބޮލުގައިވެސް އެޅޭނެކަމެވެ.  

ވިސްނައިލަމާހިނގާށެވެ! މަންމައާއި ބައްޕަގެ ބެލުމުގެދަށުން ތަރުބިއްޔަތުން ނުކުރެވި އެކަކު އެކަނި ތަރުބިއްޔަތުކުރާ ކުދިންނަށް ވަރަށް ބޮޑެތި މައްސަލަތައް ކުރިމަތިވެއެވެ. އެކަން އެގޮތަށް މެދުވެރިވާ ސަބަބުތައްވެސް ވަރަށް ގިނައެވެ. އެއިގެ ތެރެއިން އެއް ކަންތައް ފާހަގަކޮށްލާނަމެވެ.  

ޢާންމު ގޮތެއްގައި މައިންގެ ކަމަކަށްވެފައި އޮންނަނީ ދަރިންނަށް ލޯބިދިނުމެވެ. އަބަދުވެސް މަސައްކަތްކުރާނީ ދަރިފުޅުގެ ހިތުގައި ޖެހޭފަދަ ބަހެއްވެސް ނުބުނާށެވެ. ދަރިއަކު ކުށެއްކުރިނަމަވެސް ގިނަ ފަހަރު އޮންނަނީ ބުނަންޖެހޭ ބަސް ބުނަން އުނދަގޫވެފައެވެ.  

ގިނަ ބައްޕައިން ވަރަށް ތަފާތުވާނެއެވެ. ދަރިންނާއި މާގިނައިން ވާހަކަ ނުދެއްކި ނަމަވެސް ދަރިންގެ ކުށްތައް ފާހަގަކުރާނެއެވެ. ކަންކަން ރަނގަޅުކުރަން ބުނާނެއެވެ. ރަނގަޅު ނުކުރާނަމަ ފިޔަވަޅު އަޅާނެކަމަށްވެސް ބުނާނެއެވެ.  

ދަރިއަކު ކުށެއްކުރިނަމަވެސް ގިނަ މަންމައިން އަބަދުހެން ބުނާނީ ބައްޕަ ރުޅި އަންނާނެ ކަމަށާއި މިވެނި އެވެނިކަމެއް ބައްޕަ ކޮށްފާނެ ކަމަށެވެ. ވީމާ ދަރިން ތިބޭނީ ބައްޕައަށް ބިރުންނެވެ. ބޭނުންވާ ކަންކަން ކޮށްނުދީފާނެތީ ޖެހިލުންވެގެންނެވެ.  

ނަތީޖާއަކަށްވަނީ ދަރިފުޅަށް ބޭނުންވާ ލޯބި މަންމަގެ ކިބައިން ލިބިލިބި ހުރުމާއި ދަރިންނަށް ބޭނުންވާ އިރުޝާދުތައް ބައްޕަގެ ކިބައިން ލިބިލިބިހުރުމެވެ.  

ދެމަފިރިން އެކުގައި ދިރިއުޅުނަސް ބައްޕަ އެއްވެސް ވަރަކަށް ބަސްނުބުނާނަމަ އެކަމުގެ ނޭދެވޭ އަސަރު ދަރިންނަށް ކުރާކަން އެއީވެސް ފެންނަ ކަމެކެވެ. މިފަދަ ހުރިހާ ކަމަކުންވެސް އަންގައިދެނީ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރެވޭނީ މަންމަ އާއި ބައްޕަ އެކުގައި އެކަމަށް މަސައްކަތްކޮށްގެންކަމެވެ.  

ދަރިން ލިބުމަށްފަހު ދެމަފިރިން ވަކިނުވާންވީ އެންމެ ބޮޑު އެއްސަބަބަކީވެސް ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތުނުކުރެވޭނެ ކަމެވެ. ވީމާ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރަން ބޭނުންނަމަ މަންމަޢާއި ބައްޕަގެ ލޯތްބާއި އަޅައިލުން ލިބޭނެގޮތަށް ދަރިން ަތރުބިއްޔަތުކުރާށެވެ. ތަކުރާރުކޮށްވެސް ބުނަންއޮތީ ދަރިން ލިބުމަށްފަހު ދެމީހުން ވަކިނުވާށެވެ. އެކުގައި ދިރިއުޅެން މަސައްކަތްކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން