ގދ. ތިނަދޫ ސިޓީގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ލެޕަރޮސްކޯޕިކް ގައިނަކޮލޮޖިކަލް ސާޖަރީއެއް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިއެވެ. މިއީ އެ ހޮސްޕިޓަލުން ސިއްޙީ ޚިދުމަތް ދިނުމުގައި ހޯދި ފާހަގަކޮށްލެވޭ މުހިއްމު ކުރިއެރުމެކެވެ.
މި އޮޕަރޭޝަންގައި ވާތްފަރާތުގެ އޯވަރީގައި އުފެދިފައިވާ ސިސްޓެއް ނެގުމާއި، ފެލޯޕިއަން ޓިއުބުގެ ފައިބްރޯމާ ނެގުމުގެ މަސައްކަތް ވަނީ ފަންނީ ހުނަރާއެކު ކުރިއަށް ގެންގޮސްފައެވެ. މިފަދަ އޮޕަރޭޝަންތަކަކީ ބޮޑުކޮށް ކޮށާނުލައި، ކުދި ލޯވަޅުތަކެއް މެދުވެރިކޮށް ކުރިއަށްގެންދާ ޒަމާނީ ފަރުވާއެކެވެ.
މި ސާޖަރީ ކުރިއަށް ގެންގޮސްފައިވަނީ ޑރ. ޢުބައިދު އަބްދުﷲ އިސްވެ ހުންނަވައިގެން ކުރިއަށް ގެންދިޔަ ސާޖިކަލް ކޭމްޕެއްގެ ތެރެއިންނެވެ. މި މަސައްކަތުގައި ޑޮކްޓަރުންގެ ބޮޑު ޓީމަކުން ވަނީ ބައިވެރިވެފައެވެ.
މި އޮޕަރޭޝަންގައި ބައިވެރިވި ޑޮކްޓަރުންގެ ޓީމުގައި ހިމެނިވަޑައިގަންނަވަނީ ޑރ. އާމިނަތު ނުޞްރާ، ޑރ. ޖުމައިލަތު ބޭގަމް، ޑރ. އައްސަދު މުޙައްމަދު، ޑރ. މުޙައްމަދު އަމީން ޙާމިދު، ޑރ. މުޙައްމަދު ޙަމްޒާ، އަދި ޑރ. މަޙްމޫދު ސައްޔިދު އަޙްމަދު މުޙައްމަދު ސައުދެވެ.
ހޮސްޕިޓަލުން ވަނީ މި އޮޕަރޭޝަން ކާމިޔާބުކުރުމުގައި ބައިވެރިވި ޑޮކްޓަރުންގެ ޓީމަށާއި، ތިއޭޓަރުގެ މުޅި ޓީމުން ދެއްކެވި ފަރުވާތެރިކަމާއި ކުރެއްވި މިންނެތް މަސައްކަތަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.