ކޮރަޕްޝަން ނައްތާލުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރެވެން އޮތީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 57ސ
ކޮރަޕްޝަން ނައްތާލުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރެވެން އޮތީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް: ވަޒީރު

ކޮރަޕްޝަން ނައްތާލުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރެވެން އޮތީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ކަމަށް ތަޢުލީމާއި، މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިއަހަރުގެ ސިވިލް ސާވިސް ކޮންފަރެންސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ ކޮރަޕްޝަންގެ ވާހަކައަކީ ތަކުރާރުކޮށް އަބަދުވެސް ދެކެވޭ ވާހަކައެއް ކަމަށާއި، އިދާރީ ގޮތުން ހިންގާ ކޮރަޕްޝަނެއް މެދުވެރި ނުވާނަމަ މާލީ ކޮރަޕްޝަނަކަށް މަގުފަހިނުވާނެ ކަމަށެވެ. އެހެންކަމުން، ކޮރަޕްޝަންގެ ނުބައި ވަބާއިން ދިވެހިރާއްޖެ ސަލާމަތްކުރުމުގައި އެންމެ ބޮޑު އެއްބާރުލުމެއް ދެވޭނީ ސިވިލް ސާވެންޓުންނަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ދިވެހިރާއްޖެއަކީ ކޮރަޕްޝަންގެ ނުބައި ވަބާއިން ސަލާމަތްވެފައިވާ ޤައުމަކަށް ބައްޓަން ކުރުމަށްޓަކައި އެންމެ ބޮޑު އެއްބާރުލުމެއް އެންމެ ބޮޑު މަސައްކަތެއް ކުރެވޭނީ ތިޔަ ސިވިލް ސާވެންޓުންނަށް. ހަލުވި މަސައްކަތަކާއިއެކު ޕްރޮފެޝަނަލިޒަމްއާއެކު، އެޑްމިނިސްޓްރޭޓިވް ކޮރަޕްޝަން ނައްތާލެވިއްޖެނަމަ ރައްޔިތުންގެ ފައިސާއަށް އަމާނާތްތެރިވާ ރައްޔިތުންގެ ފައިސާއިން އެންމެ އެކަށީގެންވާ ޚިދުމަތެއް ދެވޭ ފަދަ އޮފީސްތަކަށް އަޅުގަނޑުމެންގެ އޮފީސްތައް ވެގެންދާނެ،" ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ކޮންމެ އިދާރާއަކުންވެސް ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ރަނގަޅު ކުރެވޭނެ ކަންކަން ބަލަންޖެހޭ ކަމަށެވެ. އަދި ސިވިލް ސާވިސް މުވައްޒަފުންނަށް ކޮރަޕްޝަން ނައްތާލައިގެން މަސައްކަތް ކުރެވިއްޖެނަމަ، ރައްޔިތުންނަށް އިސްކަންދޭ ނިޒާމެއް ޤާއިމުކުރެވި، އެކަށީގެންވާ ބަދަލުތަކެއް ގެނެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުންވެސް މިކަމަށް ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން "މޯލްޑިވްސް 2.0" ގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މަސައްކަތުގެ ނަތީޖާ މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ތެރޭގައި ރައްޔިތުންނަށް ފެންނާނެ ކަމަށާއި، މީގެ މައިގަނޑު މަޤްޞަދަކީ ކޮރަޕްޝަން ނައްތާލެވިފައިވާ ހަރުދަނާ ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން