ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިއްޖެ

މި އަހަރުގެ މިހާތަނަށް ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.05 ބިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ގްރީން ޓެކުހަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދާއި ސީދާ ގުޅިފައިވާ ޓެކުހަކަށްވާއިރު، މިއީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ މުހިންމު އާމްދަނީއެކެވެ.

މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ (މީރާ) އިން ނެރެފައިވާ މޭ މަހުގެ އާމްދަނީ ރިޕޯޓުގައިވާގޮތުން، މިއަހަރުގެ ފުރަތަމަ ފަސް މަސް ދުވަސްތެރޭ ދައުލަތަށް ގްރީން ޓެކްސް އާމްދަނީގެ ގޮތުގައި 1.05 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާ 959 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު 10 އިންސައްތަ އިތުރު އަދަދެކެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމުގެ މަގުސަދުގައި ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެންނެވެ. މި ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ.

ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ ސަރުކާރުން ބޭނުންކުރަމުންދަނީ ރަށްރަށުގައި ތިމާވެއްޓާ ގުޅުންހުރި އެކިއެކި މަޝްރޫޢުތައް ހިންގުމަށެވެ. މީގެ ތެރޭގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ފަދަ މުހިންމު މަސައްކަތްތައް ހިމެނެއެވެ.

މިއަދު އޮންލައިން