ނިލަންދޫ އަތިރީގޭ އަޙްމަދު މޫސާ އަވަހާރަވުމާއި ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ނިލަންދޫ އަތިރީގޭ އަޙްމަދު މޫސާ އަވަހާރަވުމާއި ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ފ. ނިލަންދޫއަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވި ނިލަންދޫ، އަތިރީގޭ އަލްމަރުޙޫމް އަޙްމަދު މޫސާ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. އަޙްމަދު މޫސާ (ކަތީބު ދޮންބެ) އަވަހާރަވީ އުމުރުފުޅުން 100 އަހަރުގައެވެ.

ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަޙްމަދު މޫސާ ނިލަންދޫގެ ކަތީބުކަމުގައި އެ ރަށަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކާއި، އެ މަރުޙޫމުގެ އަމާނާތްތެރިކަމާއި، ހިތްޕުޅުހެޔޮކަމަކީ މުޅި ދިވެހިރާއްޖެއަށް ރީތި ނަމޫނާއެއް ކަމަށެވެ. އަދި އެމަނިކުފާނަކީ އެތައް މަސައްކަތެއް ކުރެއްވުމުގެ ހުނަރާއި، މުރާލި އަދި ހަރުދަނާ ޝަޚްޞިއްޔަތެއްގެ ވެރިއެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މަރުޙޫމް އަޙްމަދު މޫސާގެ އުފަން ދަރީންނާއި، ކާފަ އަދި މުނިކާފަ ދަރީންގެ ތެރޭގައިވެސް ތަޢުލީމީ ޤާބިލު އެތައް ޚިދުމަތްތެރީންނެއް ތިއްބެވިކަމީ އެމަނިކުފާނުގެ ޙަޔާތްޕުޅުގައި ލިބިވަޑައިގަތް ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއް ކަމަށް ރައީސް ވިދާޅުވިއެވެ. ކަތީބު ދޮންބެ އަވަހާރަވުމަކީ ބޮޑު ހިތާމައަކާއި ފުން އަސަރުތަކެއް އިޙްސާސްވި ޚަބަރެއް ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޢުޒިޔާގެ މެސެޖު ނިންމަވާލެއްވީ، އަލްމަރުޙޫމް އަޙްމަދު މޫސާއަށް މާތްﷲގެ ރުއްސެވުމާއި ފުއްސެވުން މިންވަރުކުރައްވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތާއި ރަޙްމަތުގައި ލެހެއްޓެވުން އެދި ދުޢާ ދަންނަވަމުންނެވެ.

މިއަދު އޮންލައިން