އެކިބަލިތަކަށް ޚާއްސަ 10 ޑޮކްޓަރުންނާއެކު ތިނަދޫގައި ޚާއްސަ ކޭމްޕެއް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
އެކިބަލިތަކަށް ޚާއްސަ 10 ޑޮކްޓަރުންނާއެކު ތިނަދޫގައި ޚާއްސަ ކޭމްޕެއް ފަށައިފި

އެކި ބަލިތަކަށް ޚާއްސަ 10 ޑޮކްޓަރުންގެ ޓީމަކާއެކު ގަދަހިފުމުގައި އޮތް ޚާއްސަ މެޑިކަލް ކޭމްޕެއް ގދ. ތިނަދޫގައި ފަށައިފިއެވެ. މި ކޭމްޕަކީ މިނިސްޓްރީ އޮފް ހެލްތާއި ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް ގުޅިގެން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.

މިއަދުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޭމްޕުގެ ތެރެއިން ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި އޯޕީޑީގައި ބަލިމީހުން ބެލުމާއި، ފަސޭހަނުވެ ގިނަ ދުވަސްވެފައިވާ ފަރާތްތަކަށް ޚާއްޞަ ފަރުވާ ދިނުމުގެ އިތުރުން ލެޕްރޮސްކޮޕިކް އޮޕަރޭޝަންތަކާއި އާންމު އޮޕަރޭޝަންތައް ކުރުން ހިމެނެއެވެ.

މި ކޭމްޕުގައި ތަފާތު ދާއިރާތަކުން ފުންނާބު އުސް ޑޮކްޓަރުން ބައިވެރިވެވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ޕްލާސްޓިކް އެންޑް ރިކޮންސްޓްރަކްޓިވް ސާޖަރީ، އަންހެނުންގެ ބަލިތައް، ކުޑަކަމުދާ ނިޒާމުގެ ބަލިތައް، ގޮހޮރު އަދި ބެރިއޭޓްރިކް އޮޕަރޭޝަން، ކެންސަރުގެ އޮޕަރޭޝަން، ނާރުގެ އޮޕަރޭޝަން އަދި ނުފިލާ ހުންނަ ތަދުތަކަށް ޚާއްސަ ޑޮކްޓަރުން ހިމެނެއެވެ.

ބަލިމީހުން ބެލުމުގެ އިތުރުން، މި ކޭމްޕުގެ ތެރެއިން ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންނަށް ބޭނުންވާ ފަންނީ މަޢުލޫމާތު ދިނުމާއި ތަމްރީނު ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންދާނެއެވެ. އަދި ހޮސްޕިޓަލުގެ ޚިދުމަތްތައް ވަޒަންކޮށް، އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަމާ ގުޅޭ ރިޕޯޓެއް ވެސް ތައްޔާރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޭމްޕުގެ ތެރެއިން ފަރުވާ ހޯދަން ބޭނުންވާ ފަރާތްތަކުން 1555 އަށް ގުޅައިގެން އެޕޮއިންޓްމަންޓް ހެއްދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މިއަދު އޮންލައިން