އާއްމުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ ގޮތުން ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތައް ބަޔާންކުރާ އައު ގަވާއިދެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެކުލަވައިލައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފިއެވެ. މި ގަވާއިދުގެ ދަށުން ކަނޑައެޅިފައިވާ މިންގަނޑުތަކާ ހިލާފުވެގެން ސިއްހީ ގެއްލުމެއް ލިބޭ ހާލަތްތަކުގައި ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމުގެ ބާރު އެމްއެފްޑީއޭއަށް ލިބިގެންވެއެވެ.
އެމްއެފްޑީއޭއިން އާއްމުކުރި "ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދަކީ" ރާއްޖޭގައި އުފައްދާ ތަކެއްޗާއި، ރާއްޖެއިން ބޭރުން އެތެރެކޮށްގެން ވިއްކާ ތަކެތީގެ އިތުރުން ރާއްޖެއިން ބޭރުކުރާ ކާބޯތަކެތީގެ ބާވަތްތައް ބަންދުކޮށް ލޭބަލް ޖެހުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ތަފުސީލުކޮށްދޭ ގަވާއިދެކެވެ. މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ކާބޯތަކެތި ބަންދުކުރަން ބޭނުންކުރަންޖެހޭނީ ހަމައެކަނި ފުޑް ގްރޭޑް މެޓީރިއަލް ނުވަތަ ކާބޯތަކެތި ބަންދުކުރުމަށް އެކަށީގެންވާ ފެންވަރުގެ މާއްދާތަކެވެ. އަދި އެއްފަހަރު ބޭނުންކުރުމަށްފަހު އުކައިލާ ޕެޓް ފުޅި ފަދަ ތަކެތީގައި ކާބޯތަކެތި ބަންދުކުރުން ވަނީ މަނާކޮށްފައެވެ.
ކާބޯތަކެތީގެ އެއްވެސް ބާވަތެއްގެ އަސްލު އޮޅޭ ގޮތަށް ލޭބަލްކޮށްފައިވާނަމަ އެފަދަ އެއްޗެއް ރާއްޖެއަށް އެތެރެކުރުމާއި ގަނެވިއްކުމަކީ މަނާކަމެކެވެ. މިފަދަ ކުށެއް ކުރާ ފަރާތްތައް 10,000 ރުފިޔާއާއި 750,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. ފުރަތަމަ ފަހަރަށް މި ކުށް ކުރާ ފަރާތްތައް 10,000 ރުފިޔާއިން ޖޫރިމަނާކޮށް 7 ދުވަހަށް ލައިސަންސް ހިފަހައްޓާއިރު، ތިންވަނަ ފަހަރަށް ކުށް ތަކުރާރުކޮށްފިނަމަ 750,000 ރުފިޔާއިން ޖޫރިމަނާކޮށް ލައިސަންސް ނުވަތަ ރަޖިސްޓްރީ ބާތިލުކުރެވޭނެއެވެ.
މީގެ އިތުރުން، އަސްލު އޮޅޭގޮތަށް ލޭބަލް ކުރުމުގެ ސަބަބުން މީހެއްގެ ސިއްޙަތަށް ގެއްލުމެއް ލިބިއްޖެނަމަ ނުވަތަ ފުރާނައަށް ނުރައްކާވެއްޖެނަމަ، އެ އަމަލެއް ކުރި މީހަކު 1,000,000 (އެއް މިލިއަން) ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އެމްއެފްޑީއޭއަށް ލިބިގެންވެއެވެ.
ގަވާއިދުގައި ބަޔާންކުރާ މިންގަނޑުތަކާ ހިލާފަށް ކާބޯތަކެތި ލޭބަލްކޮށްފިނަމަ، ކުށް ތަކުރާރުވާ މިންވަރަށް ބަލައި ޖޫރިމަނާގެ އަދަދު ބޮޑުވަމުންދާނެއެވެ. އެގޮތުން ފުރަތަމަ ފަހަރު 10,000 ރުފިޔާއިން ފެށިގެން ގޮސް، ފަސްވަނަ ފަހަރަށް އެ މައްސަލަ ޖެހިއްޖެނަމަ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމާއެކު ލައިސެންސް ބާތިލުކުރެވޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
މި ގަވާއިދުގެ ދަށުން، ރާއްޖެއަށް ކާބޯތަކެތި އެތެރެކުރާ ފަރާތެއްގެ އިހުމާލުން އާއްމު ސިއްހަތަަށް ނުރައްކަލެއް ކުރިމަތިވާ ހާލަތްތަކުގައި، އެފަރާތަކަށް ދޫކޮށްފައިވާ އިމްޕޯޓް-އެކްސްޕޯޓް ލައިސަންސް ބާތިލުކުރުމުގެ ފުރުސަތުވެސް އޮންނާނެއެވެ.