ބޭންކް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު އާދީއްތަ ދުވަހަށް ހަމަވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ބޭންކް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު އާދީއްތަ ދުވަހަށް ހަމަވަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ 'ބޭންކް ފަންޑު' އަށް އެދި ހުށަހެޅުމުގެ މުއްދަތު ކުރިއަށް އޮތް އާދީއްތަ ދުވަހަށް ހަމަވާނެ ކަމަށް އެ ބޭންކުން މިއަދު ހާމަކޮށްފިއެވެ.

ބޭންކް ފަންޑަކީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ކްލަބް ޖަމިއްޔާތަކުން ރަށްރަށުގައި ހިންގާ ދެމެހެއްޓެނިވި މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ބީއެމްއެލް އިން ހުޅުވާލާފައިވާ ގްރާންޓެކެވެ. 2024 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ހުޅުވާލުމަށް ނިންމާފައިވާ މި ފަންޑަށް މިއަހަރު ފުރުސަތު ހުޅުވާލާފައިވަނީ ނިމިދިޔަ މެއި މަހުގެ 13 ވަނަ ދުވަހުއެވެ.

ބޭންކުން މަޢުލޫމާތު ދޭ ގޮތުގައި، މި އަހަރުގެ ބޭންކް ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ 2024 ޖޫން 14 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. މި ފަންޑަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ބޭންކުން ބުނެއެވެ.

މި ފަންޑުގެ ދަށުން ހޮވޭ އެންމެ ރަނގަޅު 5 ޕްރޮޕޯސަލްއަކަށް، ކޮންމެ ޕްރޮޖެކްޓަކަށް 200,000 ރުފިޔާގެ ހިލޭ އެހީ ބޭންކުން ފޯރުކޮށްދޭނެއެވެ. މި އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ތަޢުލީމާއި، ތިމާވެއްޓާއި، ކުޅިވަރުގެ ދާއިރާގެ އިތުރުން މުޖުތަމަޢަށް ފައިދާހުރި އެކި މަޝްރޫޢުތައް ހިންގުމަށެވެ.

ބޭންކް އޮފް މޯލްޑިވްސް އިން މި ފަންޑު މެދުވެރިކޮށް އަމާޒު ހިފާފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ އިޖުތިމާޢީ ކަންކަމުގައި ޖަމިއްޔާތަކުގެ ދައުރު ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމަޢަށް ފައިދާހުރި މަސައްކަތްތަކެއް ކުރުމަށް އެހީތެރިވެދިނުމަށެވެ.

މިއަދު އޮންލައިން