ދައުލަތުގެ ބޭސް ކުންފުނިން މިހާތަނަށް 1000 އަށް ވުރެ ގިނަ ބޭސް ސިޓީއަށް ބޭސް ފޯރުކޮށްދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
ދައުލަތުގެ ބޭސް ކުންފުނިން މިހާތަނަށް 1000 އަށް ވުރެ ގިނަ ބޭސް ސިޓީއަށް ބޭސް ފޯރުކޮށްދީފި

އޭޕްރީލް މަހުން ފެށިގެން ރައްޔިތުންގެ ބޭސް ސިޓީތަކަށް ބޭސް ފޯރުކޮށްދިނުމަށް ދައުލަތުގެ ބޭސް ކުންފުނިން ފެށި މަސައްކަތުގެ ދަށުން، މިހާތަނަށް 1000 އަށް ވުރެ ގިނަ ބޭސް ސިޓީއަށް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރު ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ. އެގޮތުން ލިބިފައިވާ ބޭސް ސިޓީތަކަށް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި، ބައެއް ބޭސްތައް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރުވެސް ހިނގަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ބޭސް ސިޓީތަކަށް ބޭސް ހޯދުމުގައި ހުރި ދަތިތަކަށް އަލިއަޅުއްވާލައްވަމުން ޑރ. ޝާހް ވިދާޅުވީ، މުޅި ނިޒާމު ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ. މީގެ ތެރޭގައި ބޭސް އެތެރެކުރުމުގެ މަރުހަލާގައި ހުރި ގޮންޖެހުންތަކާއި، ހާއްސަ ފިނިހޫނުމިނެއްގައި ބަހައްޓަންޖެހޭ ބޭސްތައް ގެނައުމުގައި ހުރި ދަތިތައް ހިމެނެއެވެ. މީގެ އިތުރުން ބޭރުގެ މާކެޓްތަކުން ހާއްސަ ބޭސްތައް ހޯދުމަކީވެސް ކުރިމަތިވާ ބޮޑު ގޮންޖެހުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

އިދާރީ ގޮތުން ހުރި މައްސަލަތަކަށް އިޝާރާތް ކުރައްވައި ޑރ. ޝާހް ވިދާޅުވީ، ބޭހުގެ ކޯޑުތައް އެކި އިދާރާތަކުގެ މެދުގައި އެއްހަމަ ކުރުމާއި، އެކި ބްރޭންޑްތަކުގެ ބޭސް ހުރުމުގެ ސަބަބުން ބޭސް ސިޓީ ލިޔުމުގައި ހުންނަ މައްސަލަތައް ހައްލުކުރަން ޖެހޭ ކަމަށެވެ. މިކަންކަން ހައްލުކުރުމަށް ކަމާބެހޭ އެހެން އިދާރާތަކާއެކު މަޝްވަރާކޮށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު އޮންލައިން