ދުނިޔޭގެ އިޤުތިޞާދު ނާޒުކު ފައްތަރެއްގައި އޮތް މިވަގުތު ބަލަންވީ ދިވެހީންގެ އެންމެ ބޮޑު ރައުސުލްމާލުކަމުގައިވާ ކަނޑުގެ ފުރިހަމަ ނަފާ ހޯދޭނެ ގޮތްތަކާމެދު ވިސްނާ ފިކުރުކޮށް އީޖާދުކުރުން ކަމަށް މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާލުވެއްޖެއެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ވަޒީރު ޝިޔާމް ފޮނުއްވެވި މެސެޖްގައި ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑުމަހުގެ މަސްވެރިކަމަށްވެސް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ. މިގޮތުން 2024 ވަނަ އަހަރުގައި ދިވެހިރާއްޖެ ހިމެނޭ ގޮތަށް މުޅި އިންޑިއާ ކަނޑުގެ ޕްރޮޑަކްޓިވިޓީ ދަށްވެ، ކަޅުބިލަމަހުގެ މަސްވެރިކަން ބޮޑުތަނުން ދަށްވިއެވެ. މޫސުމަށް އަންނަ ބަދަލު،ތަކާ ގުޅިގެން ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ކަނޑުމަހުގެ ބާވަތްތައް ދުރު ސަރަޙައްދުތަކަށް އަދި ކަނޑުގެ ފުން ހިސާބުތަކަށް ހިޖުރަކުރިކަމަށާ އޭގެ ނަތީޖާއަކީ، ދިވެހީން ދޮށްޓާއި އަތުނަނު ބޭނުންކޮށްގެން ކަނޑުގެ މަތީ ފަށަލައިން މިކުރާ މަސްވެރިކަމަށް އޭގެ ނޭދެވޭ އަސަރުކޮށް މަސްވެރިކަމުގެ ނުމޫސުން ދިގުވެ، އޭގެ ނޭދެވޭ އަސަރު ސިނާޢަތަށް ކުރަމުންދިއުންކަމަށެވެ.
އެހެންވީމާ މިއަދު އަޅުގަނޑުމެންގެ އަމާޒަކަށްވާންވީ ކަނޑުތަކާ ބެހޭގޮތުން އިތުރަށް ދިރާސާކޮށް، އަޅުގަނޑުމެންގެ ކަނޑުގެ އަޑީގައިވާ ބާވަތްތައް ދެނެގަނެ، ދެމެހެއްޓެނެވި ގޮތެއްގައި އިޤްތިޞާދު ސިންދަފާތުކުރެވޭނެ ގޮތްތަކެއް ހޯދުން ކަމަށާ މިއީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒު ކަމަށް ވަޒީރު ވިދާޅުވިއެވެ. ސަރުކާރުގެ ސިޔާސަތަކީ ދިވެހިން ބާނާ މަހަށް އަގުއެއްކޮށް އެކުއަކަލްޗަރ ފުޅާކޮށް ކަނޑުން ލިބޭ މަންފާ އިތުރުކުރުންކަން ފާހަގަކުރައްވަ ވަޒީރު ވިދާޅުވީ ފާއިތުވީ އަހަރު ދިވެހިރާއްޖެއަށް ސީވީޑް އެކުއަކަލްޗަރ ތަޢާރުފްކޮށް މިއަހަރު މިވަނީ ފުރަތަމަ ޝިޕްމަންޓް އެކްސްޕޯރޓްކޮށްފައި ކަމަށެވެ. އެކުންފުނީގެ ތަޖުރިބާއަށް ބަލައި އިތުރު ދެކުންފުންޏަކުން މިހާރުވެސް މިސިނާއަތަށް އިންވެސްޓްކޮށް މިހާރުވަނީ އެމަސައްކަތްފަށާފައެވެ.
ވަޒީރުގެ މެސެޖްގައި ވިދާޅުވީ ދުނިޔޭގެ ކާބޯތަކެއްޗާބެހޭ ޖަމްއިއްޔާގެ ޓެކްނިކަލް އެހީގައި ސީވީޑުން ޕްރޮޑަކްޓް އުފެއްދުމަށް އާ ޕްރޮޖެކްޓެއް އެކުލަވާލެވި، ޕްރޮޖެކްޓަށް ފެހި ސިގްނަލްވަނީ ލިބިފައެވެ. މިކަމުގެ ސަބަބުން އެސަރަހައްދުތަކުގެ ރަށްތަކުގައި ވަޒީފާގެ ފުރުޞަތު އިތުރުވެ، ކަނޑުގެ ފުރިހަމަ ނަފާ ހޯދުމުގެ އިތުރު ދޮރުތަކެއް ހުޅުވިގެން ގޮސްފައިވާ ކަމަށެވެ. އަދި މީގެ އިތުރުން، އަޅުގަނޑުމެން މިދަނީ ދިވެހިރާއްޖޭގެ ކަނޑުގެ ނަފާ ހޯދުމަށް ޖަޕާނު ސަރުކާރުގެ އެހީގައި އިތުރު ޕްރޮޖެކްޓެއް އެކުލަވާލުމަށް ވެސް މަޝްވަރާކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ހަބަރު: ސަރުކާރު