ހިތަދޫގެ ފޮށިތަކުން ޕީއެންސީއަށް ލިބުނު މެޖޯރިޓީއަކީ ސަރުކާރުގެ މަސައްކަތް ރައްޔިތުން ބަލައިގަންނަކަމުގެ ހެއްކެއް: ރާފިޢު

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 42ސ
ހިތަދޫގެ ފޮށިތަކުން ޕީއެންސީއަށް ލިބުނު މެޖޯރިޓީއަކީ ސަރުކާރުގެ މަސައްކަތް ރައްޔިތުން ބަލައިގަންނަކަމުގެ ހެއްކެއް: ރާފިޢު

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި، އައްޑޫ ސިޓީ ހިތަދޫގައި ބެހެއްޓި ވޯޓު ފޮށިތަކުން ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެޖޯރިޓީ ލިބުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އެ ދާއިރާގެ ރައްޔިތުން ބަލައިގަންނަކަން ހާމަވާ ކަމެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

އެ ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ކެމްޕޭން މެނޭޖަރުގެ ޒިންމާވެސް އުފުއްލެވި ވަޒީރު ރާފިޢު މިހެން ވިދާޅުވީ، އިންތިޚާބުގެ ނަތީޖާއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.

ވަޒީރު ރާފިޢު ފާހަގަކުރެއްވި ގޮތުގައި، މި އިންތިޚާބުގެ ތެރެއިން ހިތަދޫގައި ބެހެއްޓި 4 ވޯޓު ފޮށިން 34 ވޯޓުގެ ކުރިއެރުމެއް ޕީއެންސީގެ ކެންޑިޑޭޓަށް ވަނީ ލިބިފައެވެ. މިއީ ސަރުކާރުން ދާއިރާގެ ތަރައްޤީއަށްޓަކައި ކުރަމުންދާ މުހިންމު މަސައްކަތްތަކަށް ރައްޔިތުން ދިން އިތުބާރެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

"ކެމްޕޭންގެ ތެރޭގައިވެސް ދާއިރާގެ ކުރިއެރުމަށް ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރެވިއްޖެ. މިހާހިސާބުން ކެމްޕޭން ނިމުނު ކަމުގައިވީނަމަވެސް އެމަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްގެންގޮސް އޮތީ ނިންމާލުން،" ވަޒީރު ވިދާޅުވިއެވެ.

މި އިންތިޚާބުގެ މުޅި ނަތީޖާއަށް ބަލާއިރު، މާލޭގައި ބެހެއްޓި ފޮށިތަކުގެ ތެރެއިން އެއް ފޮށިން ޕީއެންސީން ލީޑު ނެގި ނަމަވެސް، އަނެއް ފޮށީގެ ތަފާތު ބޮޑުވުމުގެ ސަބަބުން ގޮނޑި ކާމިޔާބު ކުރެވިފައި ނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް މި ކެމްޕޭނަކީ ޕާޓީގެ ރާސްތާ ފުޅާކުރުމަށް ލިބުނު އައު ފެށުމެއް ކަމަށާއި، ޓީމެއްގެ ގޮތުގައި ކުރެވުނު މަސައްކަތާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށްވެސް ރާފިއު ވިދާޅުވިއެވެ.

ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަސައްކަތްތައް ހިތަދޫގެ ރައްޔިތުން ބަލައިގެންފައިވާކަން ބައި-އިލެކްޝަނުގެ ނަތީޖާއިން ހާމަވެފައިވާ ކަމަށް ވަޒީރު އިބްރާހީމް ރާފިޢު ވިދާޅުވެއްޖެއެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ހިތަދޫގައި ބެހެއްޓި ހަތަރު ވޯޓު ފޮށިން 34 ވޯޓުގެ ކުރިއެރުމެއް ޕީއެންސީއަށް ލިބިފައިވުމީ، ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުންގެ ތާއީދު އޮތްކަމުގެ ހެއްކެކެވެ.

އިންތިޚާބުގެ ޖުމްލަ ނަތީޖާއަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މާލޭގައި ބެހެއްޓި ފޮށިތަކުގެ ތެރެއިން އެއް ފޮށިން ޕީއެންސީ ކުރި ހޯދި ނަމަވެސް، މުޅި އިންތިޚާބު ކާމިޔާބު ނުކުރެވުނީ އަނެއް ފޮށީގެ ނަތީޖާގެ ތަފާތު ބޮޑުވުމުގެ ސަބަބުން ކަމަށެވެ. އެހެންނަމަވެސް، ފާއިތުވި އެއްމަސް ދުވަހުގެ ތެރޭގައި އެކުވެރި ޓީމެއްގެ ގޮތުގައި ކުރެވުނު ބުރަ މަސައްކަތާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ކޮންގްރެސް ޕާޓީގެ ލީޑާޝިޕާއި ކެމްޕޭން ޓީމުން ދެއްވި ފުރިހަމަ އެއްބާރުލުމަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.

"މި ކަމުގައި ދެއްވި އެއްބާރުލުމަށް ކޮންގްރެސް ޕާޓީގެ ލީޑާޝިޕަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އެބޭފުޅުންނާއި އަޅުގަނޑުމެންނާ ދެމެދު އޮތް ވަރުގަދަ ކޯޑިނޭޝަނެއްގެ ސަބަބުން މި މަސައްކަތްތައް ކުރިއަށް ގެންދެވުނީ،" މިނިސްޓަރު ވިދާޅުވިއެވެ.

ކެމްޕޭންގެ ތެރޭގައި ދާއިރާގެ ކުރިއެރުމަށް މުހިއްމު މަސައްކަތްތަކެއް ފެށިފައިވާކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ ދެން އޮތީ އެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްގެންގޮސް ނިންމާލުން ކަމަށެވެ. އަދި މި އިންތިޚާބަކީ ޕާޓީގެ ރާސްތާ ފުޅާކޮށް، ގިނަ ބަޔަކާ ގުޅިގެން ކުރިއަށްދިއުމަށް ލިބުނު އައު ފެށުމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި، މި ކެމްޕޭނުގެ ސަބަބުން ކުރިމަގުގެ މަސައްކަތްތަކަށް މަގު ސާފުވެ، ކާމިޔާބީއެއް ލިބިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ހިތަދޫ އުތުރު ދާއިރާގެ ވަގުތީ ނަތީޖާ ދައްކާގޮތުން، މި ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ޢަބްދުﷲ ޞާދިޤެވެ. އޭނާއަށް 1,375 ވޯޓު ލިބިވަޑައިގެންނެވިއިރު، ސަރުކާރު ކެންޑިޑޭޓް އަޙްމަދު ސަޢީދަށް ލިބިވަޑައިގަތީ 1,313 ވޯޓެވެ. މިއީ 62 ވޯޓުގެ ތަފާތެކެވެ.

މި އިންތިޚާބުގައި ޖުމްލަ 7 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އެއީ މާލޭގައި ބެހެއްޓި 2 ފޮއްޓާއި ހިތަދޫގައި ބެހެއްޓި 5 ފޮއްޓެވެ. ވަޒީރު ރާފިޢު ވަނީ ކެމްޕޭންގެ ތެރޭގައި ޕާޓީގެ ލީޑަޝިޕުންނާއި ކެމްޕޭން ޓީމުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވައި، ރައީސް މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނާ ގާތުން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މިއަދު އޮންލައިން