ދައުލަތުގެ ހުރިހާ ވުޒާރާއަކުން ޤާނޫނުގައިވާ ގޮތަށް މައުލޫމާތުތައް އާންމުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ދައުލަތުގެ ހުރިހާ ވުޒާރާއަކުން ޤާނޫނުގައިވާ ގޮތަށް މައުލޫމާތުތައް އާންމުކޮށްފި

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން، އިދާރާތަކުން އަމިއްލަ އިސްނެގުމުގައި އާންމުކުރުމަށް ލާޒިމުކުރާ މައުލޫމާތުތައް، ސަރުކާރުގެ ހުރިހާ ވުޒާރާއަކުން ފުރިހަމައަށް އާންމުކޮށްފިއެވެ. މިއީ 2014 ވަނަ އަހަރު މި ޤާނޫނަށް ޢަމަލުކުރަން ފެށިފަހުން، ދައުލަތުގެ ހުރިހާ ވުޒާރާއަކުން މި މައުލޫމާތުތައް އެއްފަހަރާ ހާމަކުރި ފުރަތަމަ ފަހަރެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ތަންފީޒުކުރަން ފެށިފަހުން ވޭތުވެދިޔަ އަހަރުތަކުގައި، ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ސަރުކާރުގެ ހުރިހާ ވުޒާރާއަކުން މައުލޫމާތު ހާމަކުރަމުން ގޮސްފައެއް ނުވެއެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރެއްވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިމެނޭހެން ސަރުކާރުގެ ހުރިހާ ވުޒާރާއަކުން (ޖުމްލަ 16 ވުޒާރާ) މި މައުލޫމާތުތައް ޝާއިއުކޮށްފައެވެ.

މިކަން ކަށަވަރުކޮށްދެއްވައި އިންފޮމޭޝަން ކޮމިޝަނަރ އާހިދު ރަޝީދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގުވުމުގެ މަތިން މި މަސައްކަތް ފެށުމުގެ ކުރިން ވުޒާރާތަކުން ޝާއިއުކޮށްފައިވަނީ ބޭނުންވާ މައުލޫމާތުގެ އެންމެ 34 އިންސައްތަ ކަމަށެވެ. އެހެންނަމަވެސް، މި ޖޫން މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް، ޤާނޫނުގެ ދަށުން އަމިއްލަ އިސްނެގުމުގައި އާންމުކުރަންޖެހޭ ހުރިހާ މައުލޫމާތެއް ހުރިހާ ވުޒާރާއަކުން މިހާރު ވަނީ އާންމުކޮށް ނިންމާފައެވެ.

މި ފިޔަވަޅަކީ ދައުލަތުގެ މުއައްސަސާތައް ޒިންމާދާރުކުރުވުމަށާއި، ސަރުކާރުގެ ހިންގުން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ފާހަގަކުރެއެވެ.

މިއަދު އޮންލައިން