ވީއައިއޭގެ ޓާމިނަލް 1 ގައި ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަރާތްތަކަށް ޚާއްސަ 'ކާމް ރޫމް' އެއް ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 40ސ
ވީއައިއޭގެ ޓާމިނަލް 1 ގައި ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަރާތްތަކަށް ޚާއްސަ 'ކާމް ރޫމް' އެއް ހުޅުވައިފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިން ދަތުރުކުރާ ފަސިންޖަރުންގެ ތެރެއިން، ފެންނަން ނުހުންނަ ނުކުޅެދުންތެރިކަން ނުވަތަ 'ނަން-ވިޒިބަލް ޑިސްއެބިލިޓީސް' ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން 'ކާމް ރޫމް' އެއް މިއަދު ހުޅުވައިފިއެވެ.

މިއީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)ގެ އިޖުތިމާޢީ ޒިންމާގެ ދަށުން، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެއަރޕޯޓުން ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކޮށް، އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ޤާއިމުކުރި ތަނެކެވެ.

ވީއައިއޭގެ ޓާމިނަލް 1 ގައި މިއަދު ބޭއްވި ޚާއްސަ ހަފުލާއެއްގައި މި ކާމް ރޫމް ރަސްމީކޮށް ހުޅުއްވައިދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދުއެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާއި، އޯޓިޒަމް ކެއާ މޯލްޑިވްސްގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ކާމް ރޫމަކީ "ބޮލި" މި ނަމުގައި އެމްއޭސީއެލް އިން ތަޢާރަފްކުރި ޚާއްސަ ޚިދުމަތުގެ ދަށުން ގާއިމުކުރި ތަނެކެވެ. މިއީ އެއަރޕޯޓުން ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން، ނަން-ވިޒިބަލް ޑިސްއެބިލިޓީސް ހުންނަ ފަރާތްތަކަށް ދަތުރުމަތީގައި ދިމާވާ ގޮންޖެހުންތައް ކުޑަކޮށް، އެކަށީގެންވާ އަމާން މާހައުލެއްގައި ޚިދުމަތް ހޯދޭނެ އިންތިޒާމު ހަމަޖެއްސުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްއޭސީއެލުން ވިދާޅުވި ގޮތުގައި، މި ޚިދުމަތުގެ ސަބަބުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދަތުރުގެ މާހައުލަކީ އެންމެ އެކަށީގެންވާ އަދި ފަސޭހަ ޚިދުމަތްތަކެއް ލިބިގެންދާ މާހައުލަކަށް ވެގެންދާނެއެވެ. މިއީ އެއަރޕޯޓުގެ ޚިދުމަތްތައް ހަރުދަނާކޮށް، ހުރިހާ ފަންތިއެއްގެ ފަސިންޖަރުންނަށްވެސް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެކެވެ.

މިއަދު އޮންލައިން