މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިއަދުން ފެށިގެން މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފިއެވެ. މި ބަދަލާއެކު މިއަދުން ފެށިގެން މިފްކޯއިން މަސް ގަންނަނީ ކިލޯއެއް 18.50 ރުފިޔާގެ މަގުންނެވެ.
މަސްވެރިންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ މަހަށް ހަމަ އަގު ނުލިބުމުގެ މައްސަލައެވެ. މިކަމަށް ދާއިމީ ޙައްލެއް ގެނެސްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ މުހިއްމު އެއް ސިޔާސަތެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަނަސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މަސްވެރިންނަށް ވީހާވެސް ފައިދާހުރި ގޮތަކަށް މަސްގަތުމުގެ އިންތިޒާމުތައް ބައްޓަންކުރުން ކަމަށެވެ.
އަނަސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިދުވަސްވަރަކީ ރާއްޖޭގެ މަސްވެރިކަން ނިސްބަތުން ދަށް ދުވަސްވަރެކެވެ. އެހެންކަމުން، ބައިނަލްއަޤުވާމީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިޢާޔަތްކޮށް، މިދުވަސްވަރު މަސްގަންނަ އަގަށް ބަދަލުތައް ގެންނަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މަސްވެރިކަން ދަށްވުމާ ގުޅިގެން، ކުރިއަށް އޮތް ތަނުގައި މަސް ގަންނަ އަގު މިއަށްވުރެ ވެސް ރަނގަޅުވުން އެކަށީގެންވާ ކަމަށް މިފްކޯއިން މަޢުލޫމާތުދެއެވެ.
މިފްކޯއިން މިއަދު (އާދިއްތަ ދުވަހު) މަސްގަންނަ އަގު 18.50 ރުފިޔާއަށް ބަދަލުކޮށްފައިވާއިރު، މިއީ އަމިއްލަ ކުންފުނިތަކުންވެސް މިހާރު މަސްގަންނަމުންދާ އަގުތަކާ އެއްވަރުގެ އަގުތަކެކެވެ. އަނަސް ވިދާޅުވީ، މިދުވަސްވަރު މަސްވެރިންގެ އަތުން މަސްގަންނަ އަގު އެވްރެޖްކޮށް 17 އާއި 18 ރުފިޔާއާ ދެމެދު ހިފެހެއްޓުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މަސްވެރިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި، މަސްވެރިންގެ އަތުން މަސްގަންނަ އަގު 16 ރުފިޔާއަށްވުރެ ދަށްނުކުރުމަށް ސަރުކާރުން ވަނީ މީގެ ކުރިން ނިންމަވާފައެވެ.