14 ދުވަސް ވަންދެން ޙައްޖުވެރިންގެ ޞިއްޙީ ހާލަތު މޮނިޓަރކުރުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
14 ދުވަސް ވަންދެން ޙައްޖުވެރިންގެ ޞިއްޙީ ހާލަތު މޮނިޓަރކުރުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ޙައްޖުގެ މުޤައްދަސް އަޅުކަން ނިންމުމަށްފަހު އެނބުރި ރާއްޖެ އަންނަ ޙައްޖުވެރިން، 14 ދުވަހުގެ މުއްދަތަށް އެމީހުންގެ ޞިއްޙީ ހާލަތު މޮނިޓަރކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކުރައްވައިފިއެވެ. މި އިލްތިމާސް ކުރައްވާފައިވަނީ ޙައްޖުގެ އަޅުކަމަށްފަހު ދިވެހި ޙައްޖާޖީން އެނބުރި ރާއްޖެ އަންނަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެޗްޕީއޭގެ ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތު ސަނާ ސަލީމް ވިދާޅުވީ، ގިނަ ބަޔަކު އެއްވެ އުޅޭ ތަނެއްގައި އުޅުމަށްފަހު އަންނައިރު، ބަލީގެ އަލާމާތެއް ވަގުތުން ފެންނަން ނެތްނަމަވެސް 14 ދުވަހުގެ މުއްދަތަށް ޞިއްޙީ ހާލަތު މޮނިޓަރ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ސަނާ ސަލީމް ވިދާޅުވީ، "އަލާމާތެއް ނެތި މިހެން އައިސް ހުންނަ އިރުވެސް އެހާ ގިނަ ބައެއްގެ ތެރޭގައި އުޅެފަ އައީމަ ކޮންމެވެސް ވަރަކަށް ރަނގަޅު މޮނިޓަރ ކޮށްލުން، އެހެންވީމަ ގާތްގަނޑަކަށް އަންނަތާ 14 ދުވަސް ވަންދެން ބަލަންވާނެ އެއްވެސް ކަހަލަ ރޯގާގެ އަލާމާތެއް އަންނަތޯ" އެވެ. މިއީ ރާއްޖެއަށް ބަލިތައް ފެތުރުން ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ދުވަސްވަރަކީ ރާއްޖޭގައި ގައިން ގަޔަށް އަރާ ބަލިތައް އިތުރުވަމުން އަންނަ ދުވަސްވަރަކަށް ވާތީ، އެކަން އެޗްޕީއޭއިން ވަރަށް ގާތުން މޮނިޓަރކުރަމުން އަންނަކަމަށް ސަނާ ވިދާޅުވިއެވެ. އަދި ބަލިތައް ގިނަ މި ދުވަސްވަރު އެއްވެސް ބާވަތެއްގެ ބައްޔެއްގެ އަލާމާތެއް ފެންނަނަމަ، ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މިއަދު އޮންލައިން