ދިވެހިރާއްޖޭގެ އިޤްތިޞާދު އޮތީ ރަނގަޅު މިސްރާބެއްގައި ކަމަށާއި، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްވުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗުން އެންމެ ފަހުން ނެރުނު ރިޕޯޓުގައި ރާއްޖޭގެ ރޭޓިން ވަނީ ކުރިން އޮތް "ސީސީ" އިން "ސީސީސީ -" އަށް މަތިކޮށްފައެވެ. ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ހަނގުރާމަތަކާއި އިޤްތިޞާދީ ގޮންޖެހުންތަކުގެ ތެރޭގައިވެސް، ރާއްޖޭގެ އިޤްތިޞާދު ހަމަމަގުގައި ހިފެހެއްޓިފައިވާކަން މި ރޭޓިންއިން ހާމަވެއެވެ.
މިކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން، މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރުގެ ނައިބު އަޙްމަދު ސާއިދު މުސްޠަފާ ވިދާޅުވީ، ރޭޓިންއަށް މި ލިބުނު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންނަން ފަށާފައިވާ ރެވެނިއު ސައިޑް ރީފޯމްތައް ނުވަތަ އާމްދަނީ އިތުރުކުރުމަށް ގެންނަ އިޞްލާޙީ ބަދަލުތައް ކަމަށެވެ.
ސާއިދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކާއި، ބޭރު ފައިސާއާ ގުޅޭގޮތުން ޤާނޫނުގެ ދަށުން ތަންފީޒުކުރަން ފެށި ކަންތައްތަކަކީ މި ކުރިއެރުމުގެ މުހިންމު ބައެކެވެ.
އިޤްތިޞާދީ ޙާލަތަށް އަލިއަޅުއްވާލައްވަމުން ސާއިދު ވިދާޅުވީ، މިއަހަރަކީ ދުނިޔޭގެ އިޤްތިޞާދަށް ބޮޑެތި ލޮޅުންތަކެއް އައި އަހަރެއް ނަމަވެސް، ރާއްޖޭގެ އިޤްތިޞާދު މެދު ރާސްތާގައި "ރޯބަސްޓްލީ" ނުވަތަ ވަރަށް ވަރުގަދަކޮށް ކުރިއަރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ. އަދި މާލީ ވުޒާރާގެ އެސެސްމެންޓްތަކުންވެސް ދައްކާގޮތުގައި، އިޤްތިޞާދު އަލުން އިއާދަވެ، ރަނގަޅު މިސްރާބަކަށް ދަތުރުކުރާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބަދަލާއެކު، ރާއްޖޭގެ މާލީ އިދާރާތަކަށާއި ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގެ އިޤްތިޞާދީ ކުރިމަގާ މެދު އޮތް އިތުބާރު ބޮޑުވެގެންދާނެ ކަމަށް ބެލެވެއެވެ.