މިސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދަނީ ތިމާވެއްޓާއި ރައްޓެހި، އަދި ތިމާވެށި ގުޅިލާމެހިގެންދާނެ ފަދަ ގޮތަކަށް ކަމަށާއި، މީގެ ސަބަބުން ތިމާވެށި ޙިމާޔަތްކުރުމުގައި ދުނިޔޭގެ އެހެން ޤައުމުތަކަށް ނަމޫނާ ދައްކާނެ ޤައުމަކަށް ރާއްޖެ ވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައްޔިތުންގެ ވިންދު އެކަމަކާ ގުޅިފައިވާ ދާއިރާތަކަށް ޚާއްސަކޮށްގެން ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޒަމާނީ ކުނިކޮށިތައް ޤާއިމުކުރުމާއި، ހުރިހާ ރަށެއްގެ ގޮނޑުދޮށް ޙިމާޔަތްކުރުމަކީ އަމާޒެއް ކަމަށެވެ. އަދި ރާއްޖެ ފެހިކުރުމުގެ ބޮޑު މަޝްރޫޢެއް ކާމިޔާބުކަމާއެކު ނިންމުމާއި، އިޔާދަކުރަނިވި ހަކަތައިގެ 33 އިންސައްތައިގެ އަމާޒު ހާސިލްކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑު ދެންނެވި ގޮތަށް ބިން ހިއްކުމަކީ، ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ކުރިއަށްގެންދާ ކަމެއް. ތަރައްޤީއާއެކީގައި ތިމާވެށި ޙިމާޔަތްވާން ޖެހޭ. މިސާލަކަށް އަޅުގަނޑުމެން ރަސްމާލެ ހިއްކާއިރުގައި އަޅުގަނޑުމެން އެބަ ހިންގަން މުރަކަ އާލާކުރުމުގެ ޕްރޮގްރާމުތައް އަދި އެހެންތަނެއްގައި މުރަކަ އިންދުމާއި، އެހެންގޮސް ތަރައްޤީއާއި ތިމާވެއްޓާއި އެކުއެކީގައި ގުޅިލާމެހިގެންދާނެ ގޮތަކަށް އަޅުގަނޑުމެން މި މަޝްރޫޢުތައް ކުރިއަށް ގެންދަން ބޭނުންވަނީ." ރައީސް ވިދާޅުވިއެވެ.