ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެސެމްބްލީގައި ދިވެހިރާއްޖޭގެ ފަރާތުން މަތީ ފަންތީގެ ބަޔާނެއް އިއްވައިފިއެވެ. މި ބަޔާން އިއްވައިދެއްވީ މިނިސްޓަރު ޢަލީޝަރީފެވެ.
މި ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން މިނިސްޓަރު ވަނީ ޖީ.އީ.އެފްގެ ނުވަވަނަ ރިޕްލެނިޝްމަންޓަށް (GEF-9) މަރުހަބާ ވިދާޅުވެފައެވެ. އަދި ދުނިޔޭގެ ތިމާވެށި ހިމާޔަތްކުރުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް މިނިސްޓަރު އަލިއަޅުއްވާލެއްވިއެވެ.
ހާއްސަކޮށް، 2030 ވަނަ އަހަރާ ހަމައަށް ކަނޑައަޅާފައިވާ ތިމާވެށީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އޮތް ފަހު ދުވަސްކޮޅު ނުވަތަ "ލާސްޓް ސްޕްރިންޓް" ގައި، އެއްވެސް ފަރާތެއް ފަހަތަށް ނުޖެހި، ހުރިހާ ގައުމުތަކުން އެކުގައި މަސައްކަތް ކުރުމަށް މިނިސްޓަރު ވަނީ ބާރުއަޅުއްވާފައެވެ.
މިނިސްޓަރުގެ މި ބަޔާނަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ގުދުރަތީ ވަސީލަތްތައް ރައްކާތެރިކުރުމަށް ރާއްޖެއިން ކުރަމުންދާ ވަކާލާތުގެ ބައެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ބައިނަލްއަގުވާމީ މައިދާނުގައި ތިމާވެށީގެ މައްސަލަތަކުގައި ރާއްޖޭގެ ދައުރު ފުޅާކޮށް، ތިމާވެށި ހިމާޔަތްކުރުމަށް ގައުމުތަކުން ކުރާ މަސައްކަތްތަކުގައި އިސްނަގަމުންނެވެ.
ޖީ.އީ.އެފް އެސެމްބްލީއަކީ ތިމާވެށީގެ އެކި މައްސަލަތަކަށް ފަންޑު ކުރުމާއި، ސިޔާސަތުތައް އެކުލަވާލުމުގައި ދުނިޔޭގެ ގައުމުތަކުން އެކުގައި މަޝްވަރާކުރާ މުހިންމު މަންސައެކެވެ. މި ބައްދަލުވުމުގެ ސަބަބުން 2030 ގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރާ މަސައްކަތްތަކަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.