ރާއްޖޭގައި ދިރިއުޅޭ ބަންގްލާދޭޝް ފިރިހެނަކު އޭނާގެ އަނބިމީހާ ރާއްޖެއަށް ގެނައުމަށްފަހު، ކޮޓަރިއެއްގައި ބަންދުކޮށް، އޭނާ ލައްވައި މަޖުބޫރުން ހަށިވިއްކުވަމުންދާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ މީހުން ޓްރެފިކްކުރުމުގެ ބޮޑު ތުހުމަތެކެވެ.
މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް އިތުރުކޮށްދީފައެވެ.
ކޯޓުގައި ފުލުހުން ހާމަކުރި ގޮތުގައި، މި މައްސަލަ ފެންމަތިވީ އަނިޔާ ލިބުނު އަންހެން މީހާ ފުލުހުންނަށް ދިން މައުލޫމާތާ ގުޅިގެންނެވެ. އަންހެން މީހާ ފުލުހުންނަށް ކިޔައިދީފައިވާ ގޮތުގައި، އޭނާގެ ފިރިމީހާ އޭނާ ކޮޓަރިއެއްގައި ބަންދުކޮށްފައި ބަހައްޓައިގެން އޭނާ ލައްވައި ހަށިވިއްކުމުގެ މަސައްކަތް ވަނީ ކުރުވައިފައެވެ.
ނަމަވެސް، ހައްޔަރުކުރި ފިރިހެން މީހާ ކޯޓުގައި މި ތުހުމަތުތަކަށް އިންކާރުކޮށްފައިވެއެވެ. އޭނާ ބުނީ އޭނާގެ މައްޗަށް ކުރެވޭ އެއްވެސް ކަމެއް އޭނާ ކޮށްފައި ނުވާނެ ކަމަށެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ތުހުމަތުކުރެވޭ މީހާ އެ ކަންކަން ކުރި ކަމަށް ބެލެވޭ ފަދަ ކޮންމެވެސް ވަރެއްގެ ހެކި ފުލުހުންގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.