ބޮޑުތަކުރުފާނުމަގު ފުޅާކުރުމާއެކު "ފެހި ބެލްޓެއް" ހެދުމުގެ ޚާއްސަ ޕްލޭނެއް ރައީސް އިޢުލާނުކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 42ސ
ބޮޑުތަކުރުފާނުމަގު ފުޅާކުރުމާއެކު "ފެހި ބެލްޓެއް" ހެދުމުގެ ޚާއްސަ ޕްލޭނެއް ރައީސް އިޢުލާނުކުރައްވައިފި

މާލޭގެ ބޮޑުތަކުރުފާނުމަގު ފުޅާކުރުމަށް ކުރިއަށްގެންދާ ބޮޑު މަޝްރޫޢުގެ ދަށުން، އެ މަގު ފެހިކުރުމަށްޓަކައި ޚާއްސަ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ ވިންދާ ގުޅިފައިވާ ކަންކަމުގައި މަޢުލޫމާތު ހިއްސާކުރުމަށް ކުރިއަށްގެންދާ ޚާއްސަ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތިމާވެށީގެ ދާއިރާއިން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަކީ ސަރުކާރުން ނުހަނު އިސްކަންދޭ ކަމެއް ކަމަށެވެ. ޚާއްސަކޮށް، ސަރުކާރުން ފަށާފައިވާ 5 މިލިޔަން ގަސް އިންދުމުގެ މަޝްރޫޢަކީ މި އަމާޒަށް ވާސިލްވުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްދަނީ މާލޭގެ ލޯކަލް މާރުކެޓުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށެވެ. ރައީސް ވިދާޅުވީ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދާއިރުވެސް، ތިމާވެއްޓާ ރައްޓެހި އަދި ފެހިކަން އިތުރުކުރެވޭނެ ގޮތްތަކަށް ބައްލަވާނެ ކަމަށެވެ.

މަގު ފެހިކުރުމުގެ ޕްލޭނާ ގުޅޭގޮތުން އިތުރަށް ތަފްސީލު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަމާޒަކީ އެ ސަރަޙައްދުގައި ހިތްގައިމު "ގްރީން ބެލްޓެއް" އުފެއްދުން ކަމަށެވެ.

"ވިސްނުމުގައި މިހުރީ ގްރީން ބެލްޓެއް ކްރިއޭޓުކުރުން، ގަސް އިންދުމުގައި، ބޮޑެތި ޕޮޓްތަކުގައި، ބޮޑެތި ގަސް ޖަހާފައި، ވަކި ބަރިއަކަށް. ބިންމަތީގައި އިންދާ ގަސްތައް ހުންނާނީ ވަކި ދުރުމިނެއްގައި، މެދުގައި ޕޮޓްތައް ހުންނާނީ. ތަންކޮޅެއް ފެހި ބެލްޓެއް ގޮތަށް ފެންނާނީ، ކުރިއަށް ވުރެއް ހިތްގައިމުކޮށް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ސަބަބުން މާލޭގެ އެންމެ ކުއި ބޮޑު އެއް ސަރަޙައްދު ކަމަށްވާ ބޮޑުތަކުރުފާނުމަގަށް ބޮޑު ބަދަލެއް އަންނާނެ ކަމަށާއި، މިއީ ދަތުރުފަތުރުގެ ފަސޭހައިގެ އިތުރުން މާލޭގެ ތިމާވެށި ރީތިކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ސަރުކާރުން ހާމަކުރެއެވެ.

މިއަދު އޮންލައިން