މިއަހަރުގެ ފުރަތަމަ 5 މަސްދުވަހު ބީއެމްއެލްއިން 345 މިލިއަން ޑޮލަރު ވިއްކައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
މިއަހަރުގެ ފުރަތަމަ 5 މަސްދުވަހު ބީއެމްއެލްއިން 345 މިލިއަން ޑޮލަރު ވިއްކައިފި

މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޖުމްލަ 345 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ 5.3 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ.

ބީއެމްއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މެއި މަހުގެ ނިޔަލަށް ބޭރު ފައިސާ ދޫކުރި މިންވަރު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން، ނިމިދިޔަ 2023 ވަނަ އަހަރު ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށާއި، ބޭރުން ކުރާ ކާޑުގެ މުޢާމަލާތްތަކަށް ބޭންކުން ދޫކޮށްފައިވަނީ ޖުމްލަ 566 މިލިއަން ޑޮލަރެވެ. މިއީ އެވްރެޖްކޮށް މަހަކު 47 މިލިއަން ޑޮލަރެވެ. ނަމަވެސް، މިއަހަރުގެ ފުރަތަމަ ފަސް މަހުގެ އެވްރެޖަށް ބަލާއިރު މަހަކު 69 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ.

ބޭންކުން ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުގެ ތެރޭގައި އެ ބޭންކުން ދޫކުރި ޑޮލަރުގެ އަދަދަށްވުރެ މިއަހަރުގެ މިހާތަނަށް ދޫކުރި ޑޮލަރުގެ ނިސްބަތް ވަނީ އިތުރުވެފައެވެ. ވަކިވަކި ބޭނުންތަކަށް ޑޮލަރު ވިއްކި ގޮތަށް ބަލާއިރު، ރާއްޖެއިން ބޭރުން މުދާ ގެނައުމަށް (އިމްޕޯޓް ކުރުމަށް) ވިޔަފާރިތަކަށް މިދިޔަ އަހަރު އެއްކޮށް ދޫކޮށްފައިވަނީ 175 މިލިއަން ޑޮލަރެވެ. އެހެންނަމަވެސް، މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި އެކަނިވެސް މި ބޭނުމަށް 147 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ. މިއީ އިމްޕޯޓް މުދަލަށް އެވްރެޖްކޮށް މަހަކު 29 މިލިއަން ޑޮލަރެވެ.

މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ ގޮންޖެހުންތަކާއެކުވެސް، ބީއެމްއެލްއިން ދަނީ އާންމުންނާއި ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. ބޭންކުން އިތުރަށް ވިދާޅުވީ، ބޭރު ފައިސާ ދޫކުރާ މިންވަރު އިތުރުވުމަކީ ރާއްޖޭގެ އިގްތިސާދީ ހަރަކާތްތަކަށާއި އާންމު ބޭނުންތަކަށް ބޭންކުން ދޭ އެއްބާރުލުން ހާމަކޮށްދޭ ކަމެއް ކަމަށެވެ.

މިއަދު އޮންލައިން