އ.ދ. ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލިސް (އިކޮސޮކް) ގެ 2027 އިން 2029 ވަނަ ދައުރުގެ މެމްބަރުކަމަށް ދިވެހިރާއްޖެ މިއަދު އިންތިޚާބުވެއްޖެއެވެ.
މިއީ 1965 ވަނަ އަހަރު ދިވެހިރާއްޖެ އިން އ.ދ. ގެ މެމްބަރަކަށް ވުމަށްފަހު، މިވީ 60 އަހަރު ތެރޭގައި އިކޮސޮކްއަށް ރާއްޖެ އިންތިޚާބުވި ފުރަތަމަ ފަހަރެވެ.
ރާއްޖޭގެ ދައުރު ރަސްމީކޮށް ފެށޭނީ 1 ޖެނުއަރީ 2027 ގައެވެ. އަދި މިނޭމީ 31 ޑިސެމްބަރު 2029 ގައެވެ. މި އިންތިޚާބުގައި ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ 183 ވޯޓު ލިބިގެންނެވެ. އޭޝިއާ ޕެސިފިކް ސަރަޙައްދަށް ކަނޑައަޅާފައިވާ ތިން ގޮނޑިއަށް ރާއްޖެއާއެކު ދެން އިންތިޚާބުވީ މެލޭޝިއާ އާއި ރިޕަބްލިކް އޮފް ކޮރެއާއެވެ.
އިކޮސޮކްގެ މެންބަރުކަމަށް ރާއްޖެ އިންތިޚާބުވުމަކީ، ދެމެހެއްޓެނިވި ތަރައްޤީއާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން ތަރައްޤީއަށް ބޭނުންވާ މާލީ ވަސީލަތްތައް ފަސޭހެ ކަމާއެކު ގައުމުތަކަށް ހޯދައި ދިނުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަޤްވާމީ މުޖުތަމައުން ކުރާ އިތުބާރު ހާމަކޮށްދޭ ކަމެކެވެ.
ދިވެހިރާއްޖެއިން އިކޮސޮކް އަށް އިންތިޚާބުވުމާ ގުޅިގެން މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް ވިދާޅުވެފައިވަނީ "އިކޮސޮކް އަށް ފުރަތަމަ ފަހަރަށް ދިވެހިރާއްޖެ އިންތިޚާބުވުމަކީ ގައުމަށް ލިބުނު ފަޚުރުވެރި އަދި ތާރީޚީ ކާމިޔާބީއެއް. މިއީ ބައިނަލްއަޤްވާމީ މުޖުތަމަޢިން، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ޚާޜިޖީ ސިޔާސަތު ބަލައިގަންނަކަމުގެ ހެއްކެއް. އަދި ރާއްޖެއަށް ކުރާ އިތުބާރު ހާމަކޮށްދޭ ކަމެއް. ހަމައެއާއެކު ދެމެހެއްޓެނިވި ތަރައްގީއަށާއި، މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ބަލައިގެންފައިވާކަން ހާމަކޮށްދޭ ކަމެއް. ދިވެހިރާއްޖެއަށް މި ލިބުނު ތާއީދާއި އިތުބާރަށްޓަކައި، އ.ދ. ގެ މެންބަރު ގައުމުތަކަށް ދިވެހިރާއްޖެއިން އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން".
އ.ދ. ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދު ވިދާޅުވެފައިވަނީ "އިކޮސޮކަށް ރާއްޖެ އިންތިޚާބުވުމަކީ ލިބުނު މަތިވެރި ޝަރަފެއްގެ އިތުރުން، ޒިންމާއެއްވެސްމެ. މިއީ ދެމެހެއްޓެނިވި ތަރައްގީއަށާއި މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ ވަކާލާތު ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގަތުން. ރާއްޖޭގެ ދައުރުގައި، ހުރިހާ މެންބަރު ގައުމުތަކާ ގުޅިގެން، އިކޮސޮކަކީ އަމަލީ ނަތީޖާ ނެރެދޭ، ގުޅިގެން މަސައްކަތްކުރާ، އަދި ހައްލުތައް ހޯދައިދޭ ކައުންސިލަކަށް ހެދުމަށް މަސައްކަތް ކުރާނެ."
އިކޮސޮކްއަކީ އ.ދ. ގެ މައިގަނޑު ހަ ގުނަވަނުގެ ތެރެއިން އެއް ގުނަވަނެވެ. މި މަޖިލީހަކީ އ.ދ. ގެ ނިޒާމުގެ ތެރެއިން އިގްތިސާދީ އަދި އިޖުތިމާއީ އެކި މައްސަލަތަކުގައި ކުރެވޭ މަސައްކަތްތައް ވިލަރެސްކުރާ އެންމެ މަތީ މަޖީލީހެވެ. މީގެ އިތުރުން، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހިމެނޭހެން، ބައިނަލްއަޤްވާމީ ގޮތުން އެއްބަސްވެފައިވާ ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްވަމުންދާ މިންވަރު ބަލައި މުރާޖަޢާކުރުމުގައިވެސް އިކޮސޮކް އިން މުހިންމު ދައުރެއް އަދާކުރެއެވެ.