މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ އިޙްތިފާލުތައް ބާއްވާނެ ރަށެއް ކަނޑައެޅުމަށްޓަކައި ޝައުޤުވެރިކަން ފާޅުކުރުމަށް ހުޅުވާލާފައިވާ މުއްދަތު، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިތުރުކޮށްފިއެވެ.
މި ފުރުސަތު ފުރަތަމަ ހުޅުވާލާފައިވަނީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުން ފެށިގެން މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިހާރު ވަނީ މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެ މުއްދަތު އިތުރުކޮށްފައެވެ.
އެ ވުޒާރާއިން މަޢުލޫމާތު ދެއްވާގޮތުގައި، މި މުއްދަތު އިތުރުކުރަން ނިންމީ ކުރިއަށް އޮތް އަޟްހާ ޢީދުގެ ބަންދު ދުވަސްތަކާ ގުޅިގެން، ކައުންސިލްތަކަށް ތައްޔާރުވުމަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުންނެވެ. މި ފުރުސަތަކީ ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ހުޅުވާލެވިފައިވާ ފުރުސަތެކެވެ.
މަސްވެރިންގެ ދުވަސް ބާއްވާނެ ރަށެއް ކަނޑައެޅުމުގައި ބަލާނެ މުހިންމު ކަންތައްތަކެއްވެސް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ. އޭގެ ތެރޭގައި އެ ރަށެއްގެ މަސްވެރިކަމުގެ ދާއިރާގެ ހާލަތާއި، ދުވަސް ފާހަގަކުރުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމުގެ ޤާބިލުކަން ހުރި މިންވަރު ހިމެނެއެވެ.
މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލުތައް ބާއްވާފައިވަނީ ރ. ދުވާފަރުގައެވެ. ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހަކީ ރާއްޖޭގައި މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.