އައްޑޫ ސިޓީ ކައުންސިލުން ކުރި ތަޖުރިބާ ދަތުރުތަކަށް 1.2 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
އައްޑޫ ސިޓީ ކައުންސިލުން ކުރި ތަޖުރިބާ ދަތުރުތަކަށް 1.2 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން 2023 އަދި 2024 ވަނަ އަހަރު ކޮށްފައިވާ ތަޖުރިބާ ދަތުރުތަކަށް 1.2 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކުރައްވައިފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިކަން ހާމަކުރައްވާފައިވަނީ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ 2022 އާއި 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓާއި، 2024 ވަނަ އަހަރުގެ މާލީ ބަޔާންތަކަށް ބިނާކޮށް ނެރުއްވި ރިޕޯޓުގައެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ކައުންސިލް ތަމްސީލުކުރާ 8 މެމްބަރުންނާއި ކައުންސިލް އިދާރާގެ ދެ މުވައްޒަފުން ހިމެނޭހެން 2023 ވަނަ އަހަރު މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ތަޖުރިބާ ދަތުރަށް އެކަނިވެސް 515,101 (ފަސް ލައްކަ ފަނަރަ ހާސް އެއް ސަތޭކަ އެއް) ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މި ޚަރަދުތަކާ ގުޅޭގޮތުން އޮޑިޓް އޮފީހުން ފާހަގަކޮށްފައިވާ މައިގަނޑު މައްސަލަތަކުގެ ތެރޭގައި، ރައްޔިތުންގެ ފައިސާ ޚަރަދުނުކޮށް އެހެން ގޮތަކުން އެހީ ހޯދައިގެން މި ދަތުރު ހަމަޖެއްސުމަށް ކައުންސިލުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވުން ހިމެނެއެވެ. އަދި ކައުންސިލްގެ ބަޖެޓުން މިފަދަ ބޮޑު އަދަދެއް ޚަރަދުކޮށްފައިވާއިރު، ދައުލަތުގެ މާލިއްޔަތު ސަރކިއުލަރގައި އިރުޝާދުދީފައިވާ ގޮތަށް ޚަރަދުތަކުގެ އެފިޝަންސީ ނުވަތަ މަންފާ އިތުރުކުރުމަށް ކައުންސިލުން އިސްކަންދީފައި ނުވާކަންވެސް އޮޑިޓުން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، މި ދަތުރުގެ ތެރެއިން "ކްރިއޭޓިވް ތިންކިންގ އެންޑް ޕްރޮބްލެމް ސޯލްވިންގ ސްކިލްސް" ނަމަކަށް ކިޔާ ޓްރެއިނިންގއެއްގައި ބައިވެރިވުމަށް 65,381 (ފަސްދޮޅަސް ފަސް ހާސް ތިން ސަތޭކަ އަށްޑިހަ އެކެއް) ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ނަމަވެސް، މިއީ ދަތުރުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ދަތުރުގެ އަސްލު މަގުސަދާ ގުޅުންހުރި ތަމްރީނެއް ނޫންކަން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި ވަނީ ފާހަގަކުރައްވާފައެވެ.

މި މައްސަލަތަކާ ގުޅިގެން ކައުންސިލްގެ މާލީ އިޖުރާއަތްތައް ހަރުދަނާކުރުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދެއްވާފައެވެ.

މިއަދު އޮންލައިން