ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އަށްވަނަ އެސެމްބްލީގެ ހަވާސާގައި، ދިވެހިރާއްޖޭގެ ތިމާވެއްޓާ ބެހޭ ވަޒީރު އޮނަރަބަލް ޢަލީ ޝަރީފު، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫ.އެން.އީ.ޕީ) ގެ އެގްޒެކެޓިވް ޑައިރެކްޓަރ އިންގަރ އެންޑަރސަންއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދިވެހިރާއްޖެއާއި ޔޫ.އެން.އީ.ޕީ އާ ދެމެދު މިހާރު ކުރިއަށްދާ މަޝްރޫޢުތަކާ ބެހޭގޮތުންނާއި، ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުންނެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކުން އަސަރުކުރާ މިންވަރު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ޔޫ.އެން.އީ.ޕީގެ އެހީތެރިކަން މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އައު ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް ދެ ފަރާތުންވެސް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.
ޖީ.އީ.އެފް އެސެމްބްލީ 2026 އަކީ ދުނިޔޭގެ ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ބާއްވާ މުހިންމު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ ތެރެއިން ރާއްޖެއިން ދަނީ ތިމާވެށީގެ ދާއިރާގައި ހަރަކާތްތެރިވާ ބައިނަލްއަޤުވާމީ އެކި ޖަމްޢިއްޔާތަކާ ބައްދަލުކޮށް، ރާއްޖޭގެ ތިމާވެށީގެ ހާލަތު ބަޔާންކޮށް އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
ހަބަރު: ސަރުކާރު