ޒަމާނީ ކުންފުންޏަކަށް މިފްކޯ ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 50ސ
ޒަމާނީ ކުންފުންޏަކަށް މިފްކޯ ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

މޯލްޑިވްސް ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް މާކެޓިންގ ކޯޕަރޭޝަން (މިފްކޯ) އަކީ ޒަމާނުއްސުރެ ހިނގަމުން އައި ގޮތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޒަމާނީ ކުންފުންޏަކަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު އަނަސް ވިދާޅުވެއްޖެއެވެ.

ސީއީއޯ އަނަސް މިހެން ވިދާޅުވީ، ކުންފުނީގެ އެކި ސެންޓަރުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ޒިޔާރަތްތަކުގެ ތެރެއިން، ގއ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަށް ކުރެއްވި ޒިޔާރަތުގައި އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަނަސް ވިދާޅުވީ، މިފްކޯއަކީ ސައްތައިން ސައްތަ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވެފައި، ކުންފުނި ހިންގުމުގެ މުޅި ނިޒާމަށް އިޞްލާޙީ ބަދަލުތަކެއް ގެނައުމަކީ އޭނާގެ އެންމެ ބޮޑު ތަޞައްވުރު ކަމަށެވެ. އަދި މި ބަދަލުތަކާއެކު މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް އެކަން ކުރެވޭނީ ކުންފުނީގެ އާމްދަނީ އިތުރުކުރެވިގެން ކަމަށްވާތީ، ކުންފުނީގެ މާލީ ޤާބިލްކަން އިތުރުކުރެވޭނެ އައު ގޮތްތައް ހޯދުމަށް މެނޭޖްމަންޓުން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް އަނަސް ވިދާޅުވިއެވެ.

މީގެ އިތުރުން، ހަމައެކަނި ރޯމަސް އެކްސްޕޯޓް ކުރުމުގެ ބަދަލުގައި، އާމްދަނީ އިތުރުކުރެވޭނެ އެހެނިހެން މަގުތައް ހޯދަންޖެހޭ ކަމަށް ސީއީއޯ ވިދާޅުވިއެވެ. އެގޮތުން ކުންފުނީގެ އޮޕަރޭޝަންތައް ޑައިވާސިފައި ކޮށް، ބައިނަލްއަޤްވާމީ އައު މާކެޓުތައް ހޯދުމުގެ އިތުރުން، މަހުގެ އުފެއްދުންތަކަށް އަގު އެއްކުރެވޭނެ (ވެލިއު އެޑިޝަން) އިތުރު ގޮތްތައް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން، މިފްކޯއަކީ ފައިދާލިބޭ، ހިންގުންތެރި ކުންފުންޏަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

މިއަދު އޮންލައިން