ފެނަކައިގެ ބްރާންޗުތައް 4 ގިންތިއަކަށް ބަހާލައި، ރައިޓް ސައިޒް ކުރުމުގެ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 5ސ
ފެނަކައިގެ ބްރާންޗުތައް 4 ގިންތިއަކަށް ބަހާލައި، ރައިޓް ސައިޒް ކުރުމުގެ މަސައްކަތް ފަށައިފި

ފެނަކަ ކޯޕަރޭޝަންގެ އިދާރީ ހިންގުން ހަރުދަނާކޮށް، ކުންފުނި "ރައިޓް ސައިޒް" ކުރުމުގެ ގޮތުން އަތޮޅުތަކުގައި ހުރި އެ ކުންފުނީގެ ބްރާންޗުތައް ހަތަރު ގިންތިއަކަށް ބަހާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އަފީފު ހުސައިން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި އަފީފު ވިދާޅުވީ، ފެނަކައަކީ ރާއްޖޭގެ އުތުރާއި ދެކުނުގެ އެންމެ ކުދި ރަށްތަކުން ފެށިގެން އެންމެ ބޮޑު ރަށްތަކަށް ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏަކަށްވާއިރު، ޚިދުމަތް ދިނުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން، ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި މުވައްޒަފުންގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި އިޞްލާޙީ ބަދަލުތަކުގެ ދަށުން، ކުންފުނީގެ ހެޑް އޮފީހުގެ ޑިޕާޓްމެންޓުތަކާއި، ޑިވިޝަންތަކާއި، ޔުނިޓްތަކުގެ އިތުރުން ރަށްރަށުގެ ބްރާންޗުތަކުގައި މުވައްޒަފުން ތިބެންޖެހޭނެ އެންމެ އެކަށީގެންވާ އަދަދު ކަނޑައެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަފީފު ވިދާޅުވި ގޮތުގައި، އަތޮޅުތަކުގެ ބްރާންޗުތައް މިހާރު ވަނީ ހަތަރު ގިންތިއަކަށް ބަހާލެވިފައެވެ. އަދި އެ ގިންތިތަކަށް ބޭނުންވާ މުވައްޒަފުންގެ އަދަދުތައް ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުންފުނީގެ ހާލަތާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން އަފީފު ވިދާޅުވީ، ބައެއް ޔުނިޓުތަކުގައި ބޭނުންވާ ވަރަށް މުވައްޒަފުން ތިބި ނަމަވެސް، އަނެއްބައި ތަންތަނުގައި މުވައްޒަފުން މަދުކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން، ބައެއް ތަންތަނުގައި މުވައްޒަފުން ތިބި ނަމަވެސް އެ މީހުން ކުރާނެ މަސައްކަތެއް ނެތްކަން ފާހަގަކުރެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ބައެއް ތަންތަނުގައި މުވައްޒަފުން ކުރާނެ މަސައްކަތެއް ނެތް ބައެއް ތަންތަންވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވުނު. އެކަމުގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ދަތި އުނދަގޫތައް ދިމާވެގެން ދިޔަކަން ފާހަގަކުރެވުނު. އެހެންވީމަ އަޅުގަނޑު ކުންފުނި ރައިޓް ސައިޒް ކުރުމުގެ މަސައްކަތް ފެށީ،" އަފީފު ވިދާޅުވިއެވެ.

ފެނަކައިން މި ގެންނަ ބަދަލުތަކަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކެއް ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

މިއަދު އޮންލައިން