ކުޑަކުދިންނަށް ރައްކާތެރި މުޖުތަމައެއް ހޯދޭނީ ގުޅިގެން މަސައްކަތްކޮށްގެން: ވަޒީރު ޤީލާ ޢަލީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
ކުޑަކުދިންނަށް ރައްކާތެރި މުޖުތަމައެއް ހޯދޭނީ ގުޅިގެން މަސައްކަތްކޮށްގެން: ވަޒީރު ޤީލާ ޢަލީ

ކުޑަކުދިންނަށް ރައްކާތެރި މުޖުތަމައެއް ހޯދޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ޤައުމީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ބާއްވާ "މަޝްވަރާ އޮން ޗައިލްޑް ރައިޓްސް" ފޯރަމް ފެށުމަށް މިއަދު މީރުމާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، ފާއިތުވި އަހަރުތަކުގައި ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ސިޔާސަތުތައް ހަރުދަނާކޮށް، ގާނޫނުތައް އެކުލަވާލައި، އަސާސީ ހައްގުތައް ހާސިލުކުރުމަށް އިސްނަގައިގެން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ކުޑަކުދިންގެ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާގައި ސޮއިކޮށް، އެ މުއާހަދާ ތަސްދީގު ކުރި ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމަކީ ފަޚުރުވެރިވާ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ސަބަބުން އިސްކަންދޭންޖެހޭ ދާއިރާތައް ދެނެގަތުމަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ. "އަޅުގަނޑުމެންނަށް މިހާތަނަށް ހޯދިފައިވާ ކުރިއެރުންތަކުން މިކަން ވަރަށް ބޮޑަށް ހާމަވެގެން ހިނގައްޖެ. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ހަރުދަނާކޮށް، އެކުދިންނަށް ފެންވަރު ރަނގަޅު ތަޢުލީމު ލިބޭނެ މަގު ތަނަވަސްކޮށްދީ، ކުޑަކުދިންގެ ޙައްޤުތަކާމެދު މުޖުތަމަޢުގެ ތެރޭގައި ހޭލުންތެރިކަން އިތުރުކޮށްފައިވެއެވެ،" ވަޒީރު ވިދާޅުވިއެވެ.

މި ފޯރަމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި ހުރި ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް، އެކުދިންނަށް އަމާން މުޖުތަމައެއް ބިނާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުގެ މެދުގައި ޚިޔާލު ބަދަލުކުރުމަށް ބޭއްވޭ މުހިންމު ބައްދަލުވުމެކެވެ.

މިއަދު އޮންލައިން