ރާއްޖެއަށް ތެޔޮ ގެނައުން އޮމާނަށް ބަދަލުކުރުމަކީ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅެއް ކަމަށް ދުނިޔޭގެ މަޝްހޫރު ރޭޓިންގ ކުންފުނި ފިޗުން ހަމަކޮށްފިއެވެ.
ފިޗް ރޭޓިންގްސްއިން ފާހަގަކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖެއަށް ބޭނުންވާ ތެޔޮ މައިގަނޑު ގޮތެއްގައި އެތެރެކުރަނީ އޮމާނުން ކަމަށްވުމުން، ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުން ކުރިމަތިވެދާނެ ސީދާ ނުރައްކާތަކަށް ރާއްޖެ ހުށަހެޅުމުގެ ފުރުސަތު ކުޑައެވެ.
ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތަކަށް އަންނަ ލޮޅުންތަކުގެ ނުރައްކާ ރާއްޖެއަށް އޮތް ނަމަވެސް، ފިޗްގެ އެންމެ ފަހުގެ ސޮވެރިން ރޭޓިންގް ރިޕޯޓުގައި ބަޔާންކޮށްފައިވަނީ، އޮމާނުގެ މައިގަނޑު އެކްސްޕޯޓް ބަނދަރުތަކަކީ ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ކުރިމަތިވާނެ ގޮންޖެހުންތަކުން ނިސްބަތުން ރައްކާތެރިވެފައިވާ ތަންތަން ކަމަށެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ހަކަތައިގެ ބާޒާރަށް އަންނަ ބަދަލުތަކުގެ އަސަރު ރާއްޖެއަށް ފޯރާނެކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއިން ބުނެފައިވަނީ، ދުނިޔޭގެ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އިގްތިސާދީ ހަރަކާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ މުހިންމުކަން ފިޗްގެ މި ފާހަގަކުރުމުން ހާމަވާ ކަމަށެވެ.
މީގެ އިތުރުން، ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުންޏެއް މެދުވެރިކޮށް އޮމާނުގެ ކްރެޑިޓަރެއްގެ އަތުން 100 މިލިއަން އެމެރިކާ ޑޮލަރުގެ ފަންޑިންގް ފެސިލިޓީއެއް ހޯދާފައިވާކަން ވެސް ފިޗްއިން ވަނީ ފާހަގަކޮށްފައެވެ.
ސަރުކާރުން ހާމަކުރި ގޮތުގައި، ދަތުރުފަތުރާއި، ފަތުރުވެރިކަމާއި، މަސްވެރިކަމުގެ އިތުރުން ކަރަންޓު އުފެއްދުމާއި މުދާ އެތެރެކުރުމުގައި ރާއްޖޭގެ އިގްތިސާދު ތެލަށް ބަރޯސާވެފައިވާ މިންވަރު ބޮޑުކަމުން، ތެޔޮ ލިބޭނެ ދާއިމީ މަގުތައް ކަށަވަރުކުރުމަކީ ނުހަނު މުހިންމު ކަމެކެވެ.
ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އަންނަ ބަދަލުތައް ސަރުކާރުން ގާތުން ބަލަމުންދާ ކަމަށާއި، އާންމު ގޭބިސީތަކަށާއި، ވިޔަފާރިތަކަށް އަދި ދައުލަތުގެ ހިދުމަތްތަކަށް ކުރިމަތިވެދާނެ ނުރައްކާތައް ކުޑަކުރުމަށް ބޭނުންވާ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ފައިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ. ދުނިޔޭގެ ބާޒާރުގައި މުދަލުގެ އަގުތަކަށާއި ދަތުރުފަތުރުގެ ހަރަދަށް އަންނަ ބަދަލުތަކުގެ ނުރައްކާ ރާއްޖެއަށް އޮތް ނަމަވެސް، ސަރުކާރުން ހިންގާ ހަކަތައިގެ ރައްކާތެރިކަމުގެ މަޝްރޫއުތަކަކީ ބޭރުގެ ލޮޅުންތަކުން އަރައިގަތުމަށް އެކުލަވާލާފައިވާ ސިޔާސަތުގެ ބައެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ހަބަރު: ސަރުކާރު