ޖިނާޢީ ކުށެއް ނެތް ރަށެއްގެ ގޮތުގައި ބ. މާޅޮސް ވެގެންދާނެ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 5ސ
ޖިނާޢީ ކުށެއް ނެތް ރަށެއްގެ ގޮތުގައި ބ. މާޅޮސް ވެގެންދާނެ: ވަޒީރު

ޖިނާޢީ ކުށެއް ނެތް ރަށެއްގެ ގޮތުގައި ބ. މާޅޮސް ވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ބ. މާޅޮހުގައި އިމާރާތްކުރި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ވަޒީރު ވަނީ ޖިނާޢީ ކުށްތައް އެއްވެސް ގޮތަކަށް ނޯންނަ މުޖުތަމައެއްގެ ގޮތުގައި މާޅޮސް ހެދިދާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އެފަދަ މުޖުތަމަޢެއް ބިނާ ކުރުމަށްޓަކައި ބޭނުންވަނީ ރަށުގެ ރައްޔިތުންނާ ފުލުހުންނާ ގުޅިގެން އެއް އަމާޒެއް ހާސިލްކުރުމަށް މަސައްކަތް ކުރުންކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ރަށްރަށުގައި އެންމެ ފުރިހަމައަށް ފުލުހުންގެ ޚިދުމަތް ދިނުމަކީ އަދު އެ ޚިދުމަތް ރައްޔިތުންނަށް ލިބިގެން ދިޔުމަކީ ރައީސް ޑރ. މުޢިއްޒުގެ އެދިވަޑައިގަތުމެއް. އަދި އަޅުގަނޑުމެންގެ ފަރާތުން އޮތް އެކްސްޕެކްޓޭޝަނެއްވެސްމެ. އަޅުގަނޑު ހިތުން ރައްޔިތުންވެސް އެދެނީ ހަމަ އެގޮތް. ރައްޔިތުން ބޭނުންވި ގޮތަށް ހުރިހާ ޚިދުމަތެއް ފުރިހަމަވެގެން މިއަދުން ފެށިގެން މާޅޮހުގައި ފުލުހުންގެ ޚިދުމަތް ފެށިގެންދާނެ. ވަޒީރު

ވަޒީރު ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި ފުލުހުންގެ ޚިދުމަތް މާޅޮހުގައި ފެށިގެން މިއައީ ރަށުގެ ރައްޔިތުންނާ އަދި ރަށުގެ ކައުންސިލްގެ ދައުރު ފުރިހަމައަށް އަދާކުރުމުން ކަމަށެވެ.

ބައެއް ރަށްރަށުގަ އަޅުގަނޑުމެންނަށް މި މަސައްކަތް އަދިވެސް ނުފެށި އެބަހުރި. ހަމަ ޖައްސަން ޖެހޭ ބިމާއި ތަރުތީބު ކުރެވެން ޖެހޭ އެހެނިހެން ކަންކަން ހަމަނުޖެހި މަސައްކަތް ނުފެށި އެބަހުރި. ކައުންސިލްތަކާއި އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެއްބާރުލުން ލިބޭ ހިސާބުތަކުގަ މި މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދޭ. މި ރަށު ކައުންސިލްގެ ކުރީގެ ރައީސް ޝުޖާޢު ކުރެއްވި ބުރަ މަސައްކަތް އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކުރަން. ވަޒީރު

ވަޒީރު ވަނީ ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން މިފަދަ މުހިންމު މަސައްކަތްތަކަށް ސަރުކާރަށް ރައްޔިތުން ދެއްވުމަށް އެދިވަޑައިގެންފައެވެ.

މާޅޮހު ޕޮލިސް ސްޓޭޝަންގެ ބިންގާއަޅައި މަސައްކަތް ފަށާފައިވަނީ 2025 އޮގަސްޓް 14 ވަނަ ދުވަހުއެވެ. މި އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާއެވެ. މި އިމާރާތުގައި އިދާރީބަޔަކާއި، މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ގާއިމުކޮށްފައިވެއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން