އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުގެ ސުންގަޑިއަށް ސަމާލުވުމަށް މީރާއިން އިލްތިމާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުގެ ސުންގަޑިއަށް ސަމާލުވުމަށް މީރާއިން އިލްތިމާސްކޮށްފި


މާލެ، ދިވެހިރާއްޖެ: 2025 ވަނަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއަކީ 30 ޖޫން 2026 ކަމަށްވާތީ، އެ ތާރީޚުގެ ނިޔަލަށް ބަޔާން ހުށަހަޅައި ފައިސާ ދެއްކެވުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިލްތިމާސްކޮށްފިއެވެ.

މީރާއިން ހާމަކޮށްފައިވާ ގޮތުގައި، އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުން އިސްތިސްނާވާ ފަރާތްތައް ފިޔަވައި، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ހުރިހާ ފަރާތްތަކުން ވެސް 2025 ވަނަ އަހަރަށް އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭނެއެވެ. މިގޮތުން ބައެއް ފަރާތްތަކަށް "ސިމްޕްލިފައިޑް" އިންކަމް ޓެކްސް ބަޔާނެއް މީރާކަނެކްޓް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް މީރާއިން ބުނެއެވެ.

ސިމްޕްލިފައިޑް ބަޔާން ހުށަހެޅުމުގެ ފުރުސަތު އޮތް ފަރާތްތަކުގެ ތެރޭގައި ހިމެނެނީ އާމްދަނީގެ ގޮތުގައި ހަމައެކަނި އުޖޫރަ ލިބިފައިވާ ފަރުދުންނާއި އާމްދަނީގެ ގޮތުގައި ހަމައެކަނި ނުއުފުލޭ މުދަލެއް ކުއްޔަށް ދީގެން އާމްދަނީ ލިބުނު ފަރާތްތަކުގެ ތެރެއިން، އެ މުދަލުގެ ކުލީގެ އާމްދަނީގެ 20 އިންސައްތަ އުނިކުރަން އިޚްތިޔާރުކުރާ ފަރާތްތަކެވެ.

މީގެ އިތުރުން، އިންކަމް ޓެކްސް ބަޔާން ފުރިހަމަކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް މީރާއިން ވަނީ އެދިފައެވެ. އެގޮތުން ބަޔާނާއެކު ހުށަހަޅަންޖެހޭ ޝެޑިއުލްތަކަކީ ބަޔާނުގެ މުހިންމު ބައިތަކެއް ކަމަށާއި، އެ ޝެޑިއުލްތައް ފުރިހަމަކުރުން ލާޒިމުވާ ފަރާތްތަކުން އެކަން ފުރިހަމަކޮށްފައި ނުވާނަމަ، އިންކަމް ޓެކްސް ބަޔާނެއް ހުށަހަޅާފައިވާ ކަމަށް ނުބެލެވޭނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

އެހެންކަމުން، ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ބަޔާންތައް ފުރިހަމަކޮށް، ޓެކްސް ދެއްކުމުގެ ކަންކަން ނިންމުމަކީ ޖޫރިމަނާއިން ސަލާމަތްވުމަށްޓަކައި މުހިންމު ކަމެއްކަމަށް މީރާއިން ފާހަގަކުރެއެވެ.

މިއަދު އޮންލައިން