ފުލުހުންގެ ވަޒީފާއިން ވަކިކުރި އަހުމަދު ޝިޔާމަށް ހައި ކޯޓުގެ ހުކުމާއެކު އަލުން ވަޒީފާ ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ފުލުހުންގެ ވަޒީފާއިން ވަކިކުރި އަހުމަދު ޝިޔާމަށް ހައި ކޯޓުގެ ހުކުމާއެކު އަލުން ވަޒީފާ ދީފި

މީގެ 12 އަހަރު ކުރިން ފުލުހުންގެ ވަޒީފާއިން ވަކިކުރި އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމަށް، ހައި ކޯޓުގެ ހުކުމާ އެއްގޮތަށް އަލުން ވަޒީފާ ދީފިއެވެ.

ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރެއްގެ ގޮތުގައި ހުންނަވަނިކޮށް، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތުކޮށް ޝިޔާމް ވަޒީފާއިން ވަކިކޮށްފައިވަނީ މެއި 2014 ގައެވެ. މި މައްސަލައިގައި ޝިޔާމަށް އަލުން ވަޒީފާ ދޭން އަމުރު ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ކުރިން ހުކުމް ކުރި ނަމަވެސް، ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް ޝިޔާމަށް އަލުން ވަޒީފާ ދިނުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްފައެވެ.

ހައި ކޯޓުން ކުރި ހުކުމުގައި ބަޔާންކޮށްފައިވަނީ ޝިޔާމް ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ދިނުމާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައްވެސް ދިނުމަށެވެ. ފުލުހުންގެ އިދާރާއިން މިހާރު ވަނީ އެ ހުކުމާ އެއްގޮތަށް ޝިޔާމަށް ވަޒީފާ ހަމަޖައްސައިދީފައެވެ. އަދި ޝިޔާމް މިއަދު ވަނީ އަލުން ވަޒީފާއަށް ނުކުންނަވަން ފައްޓަވައިފައެވެ.

މިކަމާ ގުޅިގެން ޝިޔާމް ވިދާޅުވީ އަލުން ވަޒީފާ ލިބުމަކީ އޭނާއަށް ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ. "މި ވަޒީފާ އާއި ފުލުހުންގެ ޔުނީފޯމަކީ އަޅުގަނޑުގެ ހަޔާތުގެ އެންމެ މުހިންމު ބައި،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމަށް ވަޒީފާ އިޔާދަކޮށްދިން ނަމަވެސް، އޭނާ ވަޒީފާގައި ނެތް މުއްދަތުގެ މުސާރައާއި އިނާޔަތްތައް ދިނުމަށް ހައި ކޯޓުން ކުރި އަމުރުގެ ބައި ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެހެންކަމުން، އެ ފައިސާ ދޫކުރުމުގެ ކަންކަން މިވަގުތު އޮތީ މަޑުޖެހިފައެވެ.

މިއަދު އޮންލައިން