ޔަހޫދީ ދައުލަތުގެ ހިމާޔަތް ދަށުގައި ހައްދުފަހަނައަޅާފައިވާ ޔަހޫދީ ވަޒަންވެރިން އަޤްޞާ މިސްކިތުގެ ޚުރުމަތް ކަނޑާލުމަށް ހިންގަމުންދާ ޢަމަލުތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިކަމާ ގުޅިގެން ދިވެހި ޚާރިޖިއްޔާއިން ނެރުއްވި ބަޔާނުގައި ވިދާޅުވީ، ޔަހޫދީ ސިފައިންގެ ހިމާޔަތް ދީގެން ހައްދުފަހަނައަޅާފައިވާ ޔަހޫދީ ވަޒަންވެރިން އަޤްޞާ މިސްކިތް ހުންނަ ސަރަހައްދަށް ވަދެގަނެ، އިސްރާއީލުގެ ދިދަ އުފުލުމާއި، އަދި އަލްއަޤްޞާ މިސްކިތަށް ނަމާދުކުރާ މީހުން ވަނުން މަނާކޮށް ހުރަސްއަޅަމުންދާ ކަމަށެވެ. މި އަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްކަން ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.
ދިވެހި ސަރުކާރުން އިތުރަށް ވިދާޅުވީ، މިއީ އަޤްޞާ މިސްކިތުގެ މާތްކަމާއި، ޤާނޫނީ ހައިސިއްޔަތާއި، އަދި ތާރީޚީ އަދި ދީނީ މުހިންމުކަން ނަގާލުމަށް ގަސްތުގައި ހިންގާ ނުރައްކާތެރި އަމަލުތަކެއް ކަމަށެވެ. އިސްލާމީ އުންމަތުގެ އެންމެ މުގައްދަސް އެއް ބިނާގެ ތާރީޚީ އަދި ޤާނޫނީ ހައިސިއްޔަތަށް ޔަހޫދީ ދައުލަތުން އިހުތިރާމް ކުޑަކޮށް، އިންސާނީ ހައްޤުތަކަށް އަރައިގަންނަމުންދާ ދިއުން ހުއްޓުވުމަށް ސަރުކާރުން ވަނީ ގޮވާލައްވާފައެވެ.
މި މައްސަލައިގައި އިސްރާއީލު ޖަވާބުދާރީ ކުރުވުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމައުން ކުއްލި އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާ ގޮވާލުން ތަކުރާރުކޮށްފައެވެ. އަދި އިސްލާމީ މުގައްދަސް ބިނާތައް ހިމާޔަތްކުރުމަށާއި، ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުތައް ހޯދައިދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ބަޔާނުގައިވެއެވެ.
ސަރުކާރުގެ ބަޔާން ނިންމަވާލައްވާފައިވަނީ ފަލަސްތީނުގެ ހައްޤުގައި ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އަރުވަމުންނެވެ.