ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްގެ މަގާމަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު މިއަދު އިންތިޚާބުކޮށްފިއެވެ.
ޖޭއެސްސީގެ ނައިބު ރައީސަކަށް އަލްއުސްތާޛު ޙުސައިން ޝަހީދު އިންތިޚާބުކުރެއްވީ، އެ މަގާމުގައި ކުރިން ހުންނެވި ޔަޒްމީދު މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވެފައިވާ މަގާމަށް މެންބަރަކު އައްޔަންކުރުމަށް ބޭއްވި ބައްދަލުވުމުގައެވެ.
ޖޭއެސްސީގެ ނައިބު ރައީސްކަމަށް އިންތިޚާބުކުރެއްވި އަލްއުސްތާޛު ޙުސައިން ޝަހީދަކީ، އުއްތަމަ ފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، ޖޭއެސްސީގެ މެންބަރުކަމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މެދުގައި ނެގުނު ވޯޓަކުން އިންތިޚާބުކޮށްފައިވާ ބޭފުޅެކެވެ.
ޖޭއެސްސީ އެކުލެވިގެންވަނީ ދައުލަތުގެ އެކި ދާއިރާތަކުން ތަމްސީލުކުރާ 10 މެންބަރުންގެ މައްޗަށެވެ. މީގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައިކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިޚާބުކުރާ ފަނޑިޔާރަކު ހިމެނިވަޑައިގަންނަވައެވެ.